ENGLISH
04 ޖޫން 2025
ވެމްކޯ އާއި ޕޮލިހުން ލީގު ހޯދުމަށް ގަދަ ހިފުމަކަށް
27 އޭޕްރީލު 2025
|
ވެމްކޯ އާއި ސިޓީ ފްރެންޑްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް
ޤައުމީ ވޮލީބޯލް ލީގުގެ އަންހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކަށް ފަހު ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބު ލީގު ޗެމްޕިއަންކަން ހޯދުމަށް ގަދަ ހިފުމަކަށް ދާން ޖެހިއްޖެއެވެ.
ރޭގެ މެޗުތަކަށް ފަހު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ޕޮލިސް ކްލަބެވެ. އެ ޓީމު މިހާތަނަށް ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށްފައިވާއިރު، ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން، ވެމްކޯ އޮތީ ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްގެންނެވެ.
ވެމްކޯ ވަނީ ސީދާ ތިން ސެޓުން ސިޓީ ފްރެންޑްސް ކްލަބް ބަލިކޮށްފައެވެ. ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީ އަތުން ޕޮލިސް ކްލަބު މޮޅުވީ ވެސް ސީދާ ތިން ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ސެޓުތައް ވެމްކޯ އިން ކާމިޔާބުކުރީ 25-09، 25-11، އަދި 25-11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ފާތިމަތު ޖޫޒަން ޒަރީރް އެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޖީޖީ ސްޕޯޓްސް އެކަޑެމީގެ މައްޗަށް ޕޮލިހުން ކުރިހޯދީ، 25-19، 25-22، އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ ގްރެޒިއެލް ރިބެއިރޯ ޑެ ސޫޒާ އެވެ.
މުބާރާތުގެ ލީގު ޗެމްޕިއަންކަން ކަށަވަރުވާނީ ޕޮލިހާއި ވެމްކޯގެ މެދުގައި މިރޭ ކުޅޭ ލީގު ބުރުގެ ފަހު މެޗަށް ފަހު އެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން 8:30 ގައެވެ.