ENGLISH

04 ޖޫން 2025

Advertisement

އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަކީ ޝައްމޫން އާއި ޒީކް

27 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

އެތުލެޓިކްސް އެސޯސިއޭޝަން މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ބާރަވަނަ މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންގެ މަގާމަށް ހަސަން ޝައްމޫން އާއި ޒީކް އަޝްރަފް ރަޝީދު ހޮވިއްޖެއެވެ.

މި މަހުގެ 24 އިން 26 ގެ ނިޔަލަށް މާލޭ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެއްވަނަ އެތުލީޓަކަށް ހޮވުނު ދިވެހި ސިފައިންގެ ކްލަބުގެ ޝައްމޫން ވަނީ ދެ އިވެންޓަކުން ރަން މެޑެލް ހާސިލްކޮށްފައެވެ. އޭނާ އަށް ރަން މެޑެލް ލިބުނީ ޝޮޓްޕުޓް އާއި ޑިސްކަސް އުކުމުންނެވެ. މި ދެ އިވެންޓުގެ ޤައުމީ ރެކޯޑް އޮންނަނީ ވެސް ޝައްމޫން އަތުގައެވެ.

އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ޒީކް ވަނީ، ދެ ރަން މެޑެލް ހާސިލްކޮށްފައެވެ. އެއީ، 800 މީޓަރު ދުވުމާއި، 1500 މީޓަރު ދުވުމުންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެއްވަނަ ޓީމަކަށް ދިވެހި ސިފައިންގެ ކްލަބު ހޮވުނުއިރު، މިއީ ސިފައިން އެ މަގާމު ހޯދި ފަސްވަނަ ފަހަރެވެ. އަންހެން ޑިވިޝަނުގެ އެއްވަނަ ޓީމުގެ މަގާމު ހޯދީ އައްޑޫ އެތުލެޓިކްސް ކްލަބެވެ.

މި މުބާރާތުގައި ވަނީ 16 އަހަރުވީ ޤައުމީ ރެކޯޑެއް ވެސް މުގުރާލައިފައެވެ. ކުރީން، އަހުމަދު ޒަބީރު އަތުގައި އޮތް ހައި ޖަމްޕް ރެކޯޑް އުމުރުން 16 އަހަރުގެ ޔޫސުފް ނާއިކް ވަޖީހު މުގުރާލީ 1.88 މީޓަރު މަތިން ފުންމައިގެންނެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މުބާރާތުގައި 17 އެކަޑެމީއަކުން އެތުލީޓުން ވާދަކުރިއިރު، 56 އިވެންޓަކުން ގާތްގަނޑަކަށް 250 އެތުލީޓުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު