ENGLISH
04 ޖޫން 2025
ހުއްޓިފައި އޮތް ކުނަހަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް މެކުހަށް ޖަހައިފި
26 އޭޕްރީލު 2025
|
ކުނަހަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް ދަނީ. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ހައްދުންމަތީ ކުނަހަންދޫގައި ޤާއިމުކުރަން ނިންމާފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތްތައް މެކުހަށް ޖަހައިފިއެވެ.
ލ. ކުނަހަންދޫގައި ފުޓްސަލް ދަނޑު އެޅުމުގެ މަޝްރޫޢަކީ، އެރަށުގެ ކައުންސިލުން މޯލްޑިވްސް އެޝުއަރ ސަޕްލައި އާ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރުމަށް ހަވާލުކުރި މަސައްކަތެކެވެ. އެހެންނަމަވެސް، މި ސަރުކާރު ހަވާލުވިއިރު ކުނަހަންދޫ ދަނޑުގެ މަސައްކަތް އޮތީ ކުރިއަށް ނުގޮސް މަޑުޖެހިފައެވެ.
އަދުގެ ސަރުކާރުން ހަވާލުވި ހިސާބުން، މި ފުޓްސަލް ދަނޑުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށްގެންދާއިރު މިހާތަނަށްއައިއިރު ވަނީ ފެންސް ޖަހައި ނިމިފައެވެ. އަދި، މިހާރު ދަނޑަށް ވެލި އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، ދަނޑުގެ ބިންގަނޑު އެއްވަރުކޮށް، ޓާފް އެޅުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ހުރިހާ މަސައްކަތްތަކެއް ނިންމާލައި، މި އަހަރު ނިމުމުގެ ކުރީން ދަނޑު އެއްކޮށް ނިންމާލެވޭނެ ކަމަށް ކުނަހަންދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.
ލ. އަތޮޅަކީ ފުޓްސަލްގައި މިހާރު ފާހަގަކޮށްލެވޭ އެއް އަތޮޅަށް ވާއިރު، އެ އަތޮޅުގެ ޓީމުތަކުން އަންނަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ބޮޑެތި މުބާރާތްތަކުގައި ފަޚުރުވެރި ކާމިޔާބީތައް ހާސިލްކުރަމުންނެވެ. އެހެންކަމުން، ކުނަހަންދޫގައި ޤާއިމުކުރާ މި ފުޓްސަލް ދަނޑާއެކު އެ ރަށުގައި ފުޓްސަލްގެ ހުނަރުވެރި ޒުވާނުން އުފެދިގެންދިއުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.