ENGLISH

04 ޖޫން 2025

Advertisement

ލ. ހިތަދޫ ހޭންޑްބޯޅަ ކޯޓުގެ އަމަލީ މަސައްކަތް ހަލުވި ސްޕީޑުގައި ކުރިއަށް

26 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ލ. ހިތަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ހައްދުންމަތީ ހިތަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ހޭންޑްބޯޅަ ކޯޓު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ލ. ހިތަދޫގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަޝްރޫޢަކީ، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބްރިލިއަންޓް ކޮމްޕެނީއާ ކުރުމަށް ހަވާލުކުރެވުނު މަސައްކަތެކެވެ. އެހެންނަމަވެސް، އޭރުގެ ސަރުކާރު ބަދަލުވިއިރުވެސް މި މަސައްކަތް ފަށާފައެއްނުވެއެވެ.

ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހޭންޑްބޯޅަ ކޯޓު އަޅާ ބިން ސާފުކޮށް، ފެންސްގައި ހަރުކުރާ ދަގަނޑުތަކުގެ މަސައްކަތްވަނީ ނިންމާފައެވެ. މިހާތަނަށް މި މަޝްރޫޢުގެ އަމަލީ މަސައްކަތް ނުފެށި ލަސްވި މައިގަނޑު ސަބަބަކީ، ކޯޓު އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދު ސާފުކުރުމަށް ވަގުތު ބޭނުންވުމެވެ.

މިވަގުތު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ހަލުވި ސްޕީޑެއްގައި ކުރިއަރަމުން އަންނަ އެއް ކުޅިވަރު ކަމަށްވާ، ހޭންޑްބޯޅައިގެ ގިނަ ހަރަކާތްތަކެއް ލ. އަތޮޅުގައިވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން، އެ އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓަރސްކޫލް މުބާރާތްތަކުގެ އިތުރުން އާންމުންނަށް ހުޅުވާލައިގެން ވެސް ހޭންޑްބޯޅަ މުބާރާތްތައް ކުރިއަށްގެންދެއެވެ.

ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް މި ކޯޓުގެ މަސައްކަތް ނިންމައި، ލ. އަތޮޅުގައި ހޭންޑްބޯޅަ ފުޅާކުރުމަށް އިތުރު ފުރުޞަތުތައް މަގުފަހިކޮށްދިނުމެވެ.

މިއީ ރާއްޖޭގެ އެކި ރަށް ރަށުގައި ކުރިއަށް ނުގޮސް ހުއްޓިފައިހުރި މަޝްރޫޢުތައް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެފައިވާ ފަދައިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު