ENGLISH

09 މޭ 2025

Advertisement

އިންޓަރ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް މެއި މަހު، ބައިވެރިވާން ހުޅުވާލައިފި

26 އޭޕްރީލު 2025

|

ޢަލީ ޝަހީމް

މިދިޔަ އަހަރު ބޭއްވި އިންޓަރ ސްކޫލް ޓީޓީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކުޅިވަރު ވުޒާރާ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "އިންޓަރ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް 2025" އަންނަ މެއި މަހު ބާއްވަން ތާވަލުކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ގެޒެޓުގައި މިއަދު ޝާއިއުކުރި އިއުލާނުގައި ބުނީ މިއަހަރުގެ އިންޓަރ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ މެއި 14 އިން މެއި 19 އަށް ހ. މުނިއުފާގައި ހުންނަ ޓޭބަލް ޓެނިސް ހޯލުގައި ކަމަށެވެ. 

މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ އިތުރުން 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރުފުރާއަކުން އަންހެން އަދި ފިރިހެން އިވެންޓުތައް ބާއްވަން ވަނީ ހަމަޖެހިފައެވެ.

އެސޯސިއޭޝަނުން ކުރި އިއުލާނުގައި ބުނީ 13 އަހަރުން ދަށުގެ އުމުރުފުރާގައި މިއަހަރު އޮންނާނީ ހަމައެކަނި ސިންގަލްސް އިވެންޓް ކަމަށެވެ. އަނެއް ތިން އުމުރުފުރާގައި ސިންގަލްސް އަދި ޑަބަލްސް އިވެންޓް ބާއްވަން ވަނީ ނިންމައިފައެވެ. 

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ސްކޫލްތަކުން، ބައިވެރިވާން ބޭނުންވާ އުމުރުފުރާ ބަޔާންކޮށް، މުބާރާތުގެ ހުރިހާ ކަމެއްގައި މުއާމަލާތު ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅައި، ފޯކަލް ޕޮއިންޓުގެ މައުލޫމާތު އޭޕްރީލް 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ފޮނުވުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ އެދިފައެވެ. 

މުބާރާތުގައި ވާދަކުރަން ބޭނުންވާ ސްކޫލްތަކާއި ކުޅުންތެރިންގެ އެންޓްރީ ފޯމް މެއި 06 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަނަށް ހުށަހަޅަން ޖެހެއެވެ. އިތުރު މައުލޫމާތު، 7778722 ނުވަތަ 7779140 ނަންބަރަށް ގުޅުމުން ލިބޭނެ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. 

މިދިޔަ އަހަރު ބޭއްވި އިންޓަރ ސްކޫލް ޓޭބަލް ޓެނިސް މުބާރާތުގައި 16 ސްކޫލަކުން 600 އަށް ވުރެ ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު