ENGLISH
09 މޭ 2025
ހުރާ އާއި ޖީޖީ އަށް މޮޅެއް
26 އޭޕްރީލު 2025
|
ހުރާ ޓީމާއި ސިޓީ ފްރެންޑްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް
މިހާރު ކުރިއަށްދާ ޤައުމީ ވޮލީބޯލް ލީގުގެ އަންހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކުން ހުރާ ކޮމިއުނިޓީ ކްލަބާއި ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީ މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ފްލެކްސަރ ސްޕޯޓްސް ކްލަބް އަތުން ޖީޖީ ސްޕޯޓްސް އެކަޑެމީ މޮޅުވީ 3-2 ސެޓުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ސެޓު 25-20 އިން ފްލެކްސަރ ގެންގޮސްފައިވަނިކޮށް، ޖީޖީ އިން ވަނީ ދެންޖެހިގެންއައި ދެ ސެޓު 25-16 އާއި 26-24 އިން ކާމިޔާބުކޮށް، ލީޑު ނަގައިފައެވެ. ނަމަވެސް، ދެންޖެހިގެންއައި ސެޓުން 25-20 އިން ކުރިހޯދައި، ފްލެކްސަރ އިން ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ ފަހު ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު، ޖީޖީ އިން ކުރި ހޯދީ 16-14 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖީޖީގެ ރޯލީ ޕަތަކް އެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ހުރާ ކޮމިއުނިޓީ ކްލަބުން ވަނީ ސީދާ ތިން ސެޓުން ސިޓީ ފްރެންޑްސް ކްލަބް ބަލިކޮށްފައެވެ.
މި މެޗުގެ ސެޓުތައް ހުރާ ޓީމުން ގެންދިޔައީ، 25-18، 25-11 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހުރާ ޓީމުގެ ކްރިސްޓީނާ މެޑްވެޑޭވާ އެވެ.
މި ފަހަރުގެ ޤައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ބައިވެރިވެފައިވާއިރު، ހުރިހާ ޓީމެއްގެ މެދުގައި ކުޅޭ ލީގު ބުރަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އަދި ލީގަށް ފަހު ދެން ކުރިއަށް އޮތް ޤައުމީ މުބާރާތުން ފުރުޞަތު ލިބޭނީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނޭ ޓީމުތަކަށެވެ.
މި މުބާރާތުގައި ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، ޕޮލިސް ކްލަބް ބައްދަލުކުރާނީ ޖީޖީ ސްޕޯޓްސް އެކަޑެމީއާ އެވެ. އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ ނުކުންނާނީ ސިޓީ ފްރެންޑްސް ކްލަބާ ދެކޮޅަށެވެ.