ENGLISH

09 މޭ 2025

Advertisement

ޗެންނާއީ ބަލިކޮށް، ހައިދަރުއާބާދަށް އުއްމީދެއް

26 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޗެންނާއީގެ ކުޅުންތެރިއަކު ނުބައިކޮށްލުމަށް ފަހު ހައިދަރުއާބާދުގެ ހަރްޝަލް (ވ) އެ ޓީމުގެ ކެޕްޓަން، ކަމިންސް އާއެކު އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި ރޭ ކުޅުނު މެޗުގައި ޗެންނާއީ ސުޕަ ކިންގްސް ފަސް ވިކެޓުން ބަލިކޮށް، ސަންރައިޒާސް ހައިދަރުއާބާދު އެ މުބާރާތުގެ ޕްލޭ-އޮފް ޖާގައަކާ ހަތަރު ޕޮއިންޓް ގާތަށް ޖެހިލައިފިއެވެ.

ޗެންނާއީގައި ހުންނަ އެމްއޭ ޗިދަމްބަރަމް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ހައިދަރުއާބާދުން ގަސްދުކުރީ ހޮވަން އަރާށެވެ. ޗެންނާއީ އިން ކުޅެން އަރައި، ބާކީ އެއް ބޯޅަ އޮއްވާ ހުރިހާ ކުޅުންތެރިން ނުބައިވީ 154 ލަނޑަށެވެ.

މި އިނިންގްސްގައި ޗެންނާއީ އިން އެންމެ ރަނގަޅަށް ކުޅުނީ ޑެވަލްޑް ބްރޭވިސް އެވެ. އޭނާ ވަނީ 25 ބޯޅައިން 42 ލަނޑު ހަދައިފައެވެ. ހައިދަރުއާބާދުން އެންމެ މޮޅަށް އުކީ ހަތަރު ވިކެޓް ނެގި ހަރްޝަލް ޕަޓޭލް އެވެ.

ރައްދުގައި ކުޅެން އަރައި، 18.4 އޯވަރުގެ ތެރޭގައި ހައިދަރުއާބާދުން މޮޅުވެގެން ފޭބީ ފަސް ވިކެޓަށް 155 ލަނޑު ހަދައިގެންނެވެ.

ހައިދަރުއާބާދުން އެންމެ މޮޅަށް ކުޅުނީ އިޝާން ކިޝަން އެވެ. އޭނާ ވަނީ 34 ބޯޅައިން 44 ލަނޑު ހަދައިފައެވެ. މީގެއިތުރުން، ނުބައިނުވެ 22 ބޯޅައިން 32 ލަނޑުހެދި ކަމިންދު މެންދިސްގެ ކުޅުން ވެސް ފާހަގަކޮށްލެވުނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހައިދަރުއާބާދުގެ އުކުންތެރިޔާ، ހަރްޝަލް ޕަޓޭލް އެވެ.

ރޭގެ މޮޅާއެކު، ހައިދަރުއާބާދުން ވަނީ ނުވަ މެޗުން ހަ ޕޮއިންޓް ހަމަކޮށް، އަށްވަނަ އަށް ޖެހިލައިފައެވެ.

މި މެޗުން ބަލިވި ޗެންނާއީ އޮތީ 10 ޓީމު ވާދަކުރާ ލީގުގެ ފުލުގައެވެ. އެ ޓީމަށް ލިބިފައިވަނީ އެންމެ ހަތަރު ޕޮއިންޓެވެ.

ލީގުގެ އެންމެ ކުރީގައި އުޅޭ ތިން ޓީމަށް 12 ޕޮއިންޓް ލިބިފައިވާއިރު، ގުޖުރާތު ޓައިޓަންސް އަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ. ދެވަނައިގައި ދިއްލީ ކެޕިޓަލްސް އޮތްއިރު، ތިންވަނައިގައި އުޅެނީ ރޯޔަލް ޗެލެންޖާސް ބެންގަލޫރު އެވެ. މި ވަގުތު ޕްލޭ-އޮފްގެ އެންމެ ފަހު ޖާގައިގައި އޮތް މުމްބާއީ އިންޑިއަންސް އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.


ކިޔުންތެރިންގެ ހިޔާލު