ENGLISH

10 މޭ 2025

Advertisement

ނީސް އަތުން ބަލިވެ، ޕީއެސްޖީގެ ރެކޯޑް ނިމުމަކަށް

26 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޕީއެސްޖީ ކޮޅަށް ލަނޑުޖެހުމަށް ފަހު ނީސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ފްރެންޗް ލީގުގައި ނީސް އަތުން 3-1 އިން ރޭ ބަލިވެ، ޕީއެސްޖީގެ ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.

ރޭގެ މެޗަށް ނުކުތްއިރު ޕީއެސްޖީން ވަނީ ލީގުގައި މެޗަކުން ބަލިނުވެ، 30 މެޗު ފުރިހަމަކޮށްފައެވެ. އެހެންނަމަވެސް، ރޭގެ މެޗުން ބަލިވުމާއެކު، ފްރެންޗް ލީގުގައި މެޗަކުން ބަލިނުވެ ޗެމްޕިއަންކަން ހޯދާ ފުރަތަމަ ޓީމަށް ވުމަށް އެ ޓީމުން ދެކެމުންއައި ހުވަފެންތަކަށް ވަނީ ނިމުން އައިސްފައެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގައި ލީޑު ނެގީ ވެސް ނީސް އިންނެވެ. މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މޯގަން ސަންސޮން އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު، ފަބިއަން ރުއިޒް އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި ސަންސޮން ވަނީ އިތުރު ލަނޑެއް ޖަހައި، ނީސް އަށް އަލުން ލީޑު ނަގައިދީފައެވެ. އޭގެފަހުން، ޔޫސުފް އެންޑަޔިޝިމިޔޭ ޖެހި ގޯލާއެކު އެ ޓީމު ތިން ޕޮއިންޓް ކަށަވަރުކުރިއެވެ.

މި ނަތީޖާއާއެކު، ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ޕީއެސްޖީ އެވެ. މިދިޔަ މަހުގެ ތެރޭގައި ލީގު ޗެމްޕިއަންކަން ކަށަވަރުކުރި ޕީއެސްޖީ އަށް 31 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ. ދެވަނައިގައި އުޅޭ އޮލިމްޕިކް މާސޭ އަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ މޮނާކޯ އެވެ. ނީސް އަށް ހަތަރުވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ދެ ޓީމަށް ވެސް ލިބިފައިވަނީ 54 ޕޮއިންޓެވެ.

މި މުބާރާތުގައި ޕީއެސްޖީ އަށް ދެން އޮތީ އަންނަ މަހުގެ ތިންވަނަ ދުވަހު ރަށުން ބޭރުގައި ސްޓްރާސްބޯގާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އޭގެކުރީން، މި މަހުގެ 30 ވާ ބުދަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި އެ ޓީމު ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު