ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ތިންވަނަ މެޗުން ވެސް ޕޮލިސް މޮޅުވެއްޖެ

25 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޕޮލިހާއި ހުރާ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް

ޤައުމީ ވޮލީބޯލް ލީގުގެ އަންހެން ޑިވިޝަނުގައި ޕޮލިސް ކްލަބު ތިންވަނަ މޮޅު ހޯދިއިރު، ފްލެކްސަރ ސްޕޯޓްސް ކްލަބުން ސިޓީ ފްރެންޑްސް ކްލަބް ބަލިކޮށްފިއެވެ.

މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން އެއްވަނައިގައި ޕޮލިސް ކްލަބް އުޅޭއިރު، ދެވަނައިގައި ކްލަބް ވެމްކޯ އޮތީ ދެ މޮޅާއެކު އެވެ. ތިންވަނައިގައި އޮތީ ފްލެކްސަރ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޕޮލިސް ކްލަބުން ވަނީ 3-1 ސެޓުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓުން 25-21 އިން ޕޮލިސް ގެންގޮސްފައިވަނިކޮށް، ހުރާ ޓީމު ވަނީ ދެވަނަ ސެޓުން 25-23 އިން ކުރިހޯދައިފައެވެ. ނަމަވެސް، ދެން ޖެހިގެންއައި ދެ ސެޓުން 25-16 އަދި 25-15 އިން ކުރިހޯދައި، ޕޮލިހުން މެޗު ކާމިޔާބުކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ އާމިނަތު އަރީޝާ އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުގައި ފްލެކްސަރ ވަނީ ސީދާ ތިން ސެޓުން ސިޓީ ފްރެންޑްސް ކްލަބް އަތުން މޮޅުވެފައެވެ.

މި މެޗުގެ ސެޓުތައް ފްލެކްސަރ އިން ގެންދިޔައީ، 25-21، 25-11 އަދި 25-10 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ފްލެކްސަރގެ ސަބައެންގބަން ޗަނޮކްނަން އެވެ.

މި ފަހަރުގެ ޤައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ބައިވެރިވެފައިވާއިރު، ހުރިހާ ޓީމެއްގެ މެދުގައި ކުޅޭ ލީގު ބުރަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އަދި ލީގަށް ފަހު ދެން ކުރިއަށް އޮތް ޤައުމީ މުބާރާތުން ފުރުޞަތު ލިބޭނީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނޭ ޓީމުތަކަށެވެ.

މި މުބާރާތުގައި ދެން ކުޅޭ މެޗުތަކަށް ބަލާއިރު، ހުރާ ޓީމުން ސިޓީ ފްރެންޑްސް ކްލަބާ ދެކޮޅަށް ނިކުންނައިރު، ފްލެކްސަރ ބައްދަލުކުރާނީ ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީއާ އެވެ. މި ދެ މެޗު ވެސް ކުޅޭނީ މިއަދު އެވެ.

ކިޔުންތެރިންގެ ހިޔާލު