ENGLISH
10 މޭ 2025
ގއ. ކޮނޑޭ ފުޓްސަލް ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ފަށައިފި
24 އޭޕްރީލު 2025
|
ގއ. ކޮނޑޭ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްގެންދިއުން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ހުވަދު އަތޮޅު އުތުރުބުރީ ކޮނޑޭގައި ޤާއިމުކުރާ ފުޓްސަލް ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މީގެ ފަސްވަރަކަށް އަހަރުކުރީން، ކޮނޑޭގައި ބޭނުންކުރަން ފެށި ފުޓްސަލް ދަނޑުގެ ޓާފް ބާވެ، ޓާފް ބަދަލުކުރަންޖެހިފައިވާ ހާލަތަށް ދިއުމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެދުމާއެކު ސަރުކާރުން ވަނީ އެކަން ހައްލުކޮށްދެއްވާފައެވެ.
އެގޮތުން، ކޮނޑޭގެ ފުޓްސަލް ދަނޑަށް ބޭނުންވާ އާ ޓާފް އެ ރަށަށް މި އަހަރުގެ ތެރޭގައި ފޯރުކޮށްދީފައިވާއިރު، ކޮނޑޭ ކައުންސިލުން ކުރިއަށްގެންދާ ޓާފް އެޅުމުގެ އެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.
ކޮނޑޭ އަކީ ފުޓްސަލްގެ މުބާރާތްތައް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ރަށެކެވެ.
އެހެންކަމުން، ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް މި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި، ކޮނޑޭގެ އެންމެހާ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައި ހުރި ކުޅިވަރު ޕްރޮޖެކްޓްތައް ފުރިހަމަކުރުމުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ހަރުދަނާ ގޮތެއްގައި ނިންމެވުމަކީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.