ENGLISH
25 އޭޕްރީލު 2025
ސާފް ޗެމްޕިއަންޝިޕް ފަސްކޮށް، ލަންކާގައި އިންވިޓޭޝަނަލް މުބާރާތެއް ބާއްވަނީ
24 އޭޕްރީލު 2025
|
މީގެކުރީން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: މިހާރު
އަންނަ ޖޫން މަހު، ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 15 ވަނަ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށް، ބަދަލުގައި ލަންކާގައި އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުމުގެ މަސައްކަތް ފަށައިފިއެވެ.
ސާފް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ އިދާރާގެ މެންބަރު އެސޯސިއޭޝަންތަކާއި، މުބާރާތުގެ މާކެޓިންގ ޕާޓްނަރު، ސްޕޯޓްސްފައިވް އަށް ގަބޫލުކުރެވުނީ މި ފަހަރުގެ މުބާރާތް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް އިތުރު އިންތިޒާމްތައް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
"އެހެންކަމުން، އަޅުގަނޑުމެންގެ ހުރިހާ ސްޓޭކްހޯލްޑަރުންނާއި މެންބަރު އެސޯސިއޭޝަންތަކަށް މި މުބާރާތް އެންމެ ފުރިހަމަ އަށް އިންތިޒާމުކުރުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ގޮތަށް ސާފް ޗެމްޕިއަންޝިޕް 2026 އަށް ފަސްކުރުމަށް ނިންމާފައިވާނެ،" ޕްރެސް ރިލީޒްގައި ބުނެފައިވެއެވެ.
މީގެއިތުރުން، 2026 ވަނަ އަހަރަކީ ފީފާ ވޯލްޑް ކަޕް ބާއްވާ އަހަރަށްވުމާއެކު، ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް އެކަށޭނަ ވަގުތަކާއި ތަނެއް ހޯދުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ސާފްގެ ބަޔާން ނިންމާލަމުންވަނީ، ހުރިހާ ސްޓޭކްހޯލްޑަރުންނާއި، ފޭނުންނާއި، މީޑިއާގެ އިތުރުން މެންބަރު އެސޯސިއޭޝަންތަކުން ވެސް މި ދަނޑިވަޅުގައި ކެތްތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.
މި އަހަރުގެ މުބާރާތް ބޭއްވޭގޮތް ނުވުމުން، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)، އާއި ސާފް އަދި ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ގުޅިގެން މިހާރު އަންނަނީ އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ. މި މުބާރާތުގެ ފޯމެޓާއި، ބައިވެރިވާނެ ޓީމުތަކާ ބެހޭ ތަފްޞީލުތައް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވިއިރު، އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިންޑިއާ އެވެ. އެ މުބާރާތް މިހާތަނަށް ނުވަ ފަހަރު ކާމިޔާބުކޮށް، އެންމެ ގިނަ ފަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ ވެސް އިންޑިއާ އިންނެވެ.