ENGLISH
10 މޭ 2025
ވެމްކޯ އަށް ދެވަނަ މޮޅު، ފްލެކްސަރ އަތުން ހުރާ މޮޅުވެއްޖެ
24 އޭޕްރީލު 2025
|
ވެމްކޯއާ ހުރާ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް
ޤައުމީ ވޮލީބޯލް ލީގުގެ އަންހެން ޑިވިޝަނުގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން ދެވަނަ މޮޅު ހޯދިއިރު، ފްލެކްސަރ ސްޕޯޓްސް ކްލަބް އަތުން ހުރާ ކޮމިއުނިޓީ ކްލަބް މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވެމްކޯ އިން ވަނީ ސީދާ ތިން ސެޓުން ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީ ބަލިކޮށްފައެވެ.
މި މެޗުގެ ސެޓުތައް ވެމްކޯ އިން ކާމިޔާބުކުރީ 25-15، 25-19 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޕަތިޔާ ޖުއަންގޖަން އެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުގައި ހުރާ ކޮމިއުނިޓީ ކްލަބުން ވަނީ 3-1 ސެޓުން ފްލެކްސަރ ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ސެޓު 25-18 އިން ހުރާ ޓީމު ގެންގޮސްފައިވަނިކޮށް، ފްލެކްސަރ ވަނީ ދެވަނަ ސެޓުގައި 25-22 އިން ކުރިހޯދައި، ނަތީޖާ ހަމަހަމަކޮށްފައެވެ.
އެކަމަކު، ދެން ޖެހިގެންއައި ދެ ސެޓުން 25-21 އަދި 25-18 އިން ކުރިހޯދައި، ހުރާ ޓީމު ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުރާ ޓީމުގެ ވެރޯނިކާ ޒުބަރޭވާ އެވެ.
މި ފަހަރުގެ ޤައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ބައިވެރިވެފައިވާއިރު، ހުރިހާ ޓީމެއްގެ މެދުގައި ކުޅޭ ލީގު ބުރަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އަދި ލީގަށްފަހު ދެން ކުރިއަށް އޮތް ޤައުމީ މުބާރާތުން ފުރުޞަތު ލިބޭނީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނޭ ޓީމުތަކަށެވެ.
މި މުބާރާތުގައި މިއަދު ހަވީރު 4:30 ގައި ކުޅޭ މެޗުގައި ޕޮލިސް ކްލަބް ބައްދަލުކުރާނީ ހުރާ ޓީމާ އެވެ. އަނެއް މެޗުގައި ފްލެކްސަރ ނުކުންނާނީ ސިޓީ ފްރެންޑްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ 8:30 ގައެވެ.