ENGLISH

09 މޭ 2025

Advertisement

އިޓަލީގެ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ ވާދަކުރަނީ

23 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

މީގެކުރީން ބޭއްވި މުބާރާތެއްގައި ލައިބާ ކުޅެނީ. --ފޮޓޯ: ފޭސްބުކް

ޔޫރަޕް ޖޫނިއާ ބެޑްމިންޓަން ކަލަންޑަރުގައި ހިމެނޭ ބޮޒްނާ ފްރޫލިން "ބޯޒެން ސްޕްރިންގ – އިންޓަރނޭޝަނަލް ސްޕްރިންގ ޓޯނަމަންޓް އޮފް ބޮލްޒާނޯ 2025" ގައި ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް (އެލީ) ވާދަކުރަން ހަމަޖެހިއްޖެއެވެ.

އިޓަލީގެ ބޮލްޒާނޯ ސިޓީގައި މި އޭޕްރީލް މަހުގެ 25 އިން 27 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ދުނިޔޭގެ 20 ޤައުމަކުން ގާތްގަނޑަކަށް 330 އަށްވުރެ ގިނަ ކުޅުންތެރިން އެކި ކެޓަގަރީތަކުގައި ވާދަކުރާނެ އެވެ.

މިހާރު އުމުރުން 12 އަހަރުގެ ލައިބާ އަކީ ރާއްޖޭގެ 13 އަހަރުން ދަށުގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި ސްޕޯޓްސް އެވޯޑްގައި ހޮވި އަހަރުގެ އެންމެ މޮޅު ޒުވާން އެތުލީޓުގެ މަގާމަށް ވާދަކޮށް، ތިންވަނަ މަގާމު ހާސިލްކޮށްފައެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ލައިބާގެ އިންޓަރނޭޝަނަލް ބެޑްމިންޓަން ކެރިއަރު ފެށީ ވެސް ބޮލްޒާނޯގައި ބޭއްވި މުބާރާތުންނެވެ. އެ ފަހަރު އޭނާ ވަނީ ދެ އިވެންޓަކުން ލޯ މެޑެލް ހޯދައިފައެވެ. އެއީ، ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓުންނެވެ.

މިދިޔަ އަހަރު ބޭއްވި ސްޕޯޓްސް އެވޯޑްގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

މި ފަހަރުގެ މުބާރާތުގައި ލައިބާ ވާދަކުރަނީ 13 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް އާއި އެ އުމުރުފުރައިގެ މިކްސް ޑަބަލްސް އިވެންޓުގައެވެ. ޑަބަލްސް އިވެންޓްގައި ލައިބާގެ ޕާޓްނަރަކީ ޖަރުމަންގެ މޭރީ އުލްމަން އެވެ. އަދި، ލައިބާގެ މިކްސް ޑަބަލްސް ޕާޓްނަރަކީ ސްލޮވީނިއާގެ މެޓިޗް ނެޒް އޮގޯރެލެޗް އެވެ.

މި މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރައިގެ ބައިގައި އިޓަލީ، ޖަރުމަން، އޮސްޓްރިއާ، ސްވިޓްޒަލެންޑް، ޕޮލެންޑް، ކްރޮއޭޝިއާ އާއި ސްލޮވާކިއާގެ އިތުރުން އަރުމީނިއާ އާއި ޗެކް ރިޕަބްލިކްގެ އެންމެ މަތިން ރޭންކު ކުރެވިފައިވާ ކުޅުންތެރިން ވާދަކުރާނެ އެވެ.

ލައިބާ އަކީ ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގައި ހިމެނޭ އެތުލީޓެކެވެ. "އަރުތަ" ޕްރޮގްރާމަކީ، ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމާއި ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި ކުޅުންތެރިން ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު