ENGLISH
09 މޭ 2025
މަސްޖިދުއްނަބަވީގެ އިމާމު ފުރާލަދެއްވީ އިމާމަކަށް ވުމަށް ހިތު އަޅައިގެން ހުރި މުލްހަމްގެ ހިތް!
23 އޭޕްރީލު 2025
|
މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު އާ ބައްދަލުވެ، މުލްހަމް ބިން މުރުޝަދު އިސްލާމީ މަރުކަޒުގައި ގްރުއާން ކިޔަވަނީ-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އުމުރުން އެންމެ ފަސް އަހަރުގެ މުލްހަމް ބިން މުރުޝިދު ވަރަށް ކުޑައިރުއްސުރެ ހިތުއަޅާފައިވަނީ މިސްކިތެއްގެ އިމާމަކަށްވުމަށެވެ.
ފަލާހް ޕްރީ ސްކޫލާ މިއަހަރު ގުޅުނު މުލްހަމް، ކޮސްޓިއުމް ޕާޓީއަކަށް ދިއަސް އިމާމް ހެދުންނޫން އެހެން ހެދުމެއް އަޅާކަށް ގަބޫލެއް ނުވެއެވެ.
މިދިޔަ ރަމަޟާން މަހު ބައްޕައާއެކު ފަތިސް ނަމާދަށް ގޮސް މިސްކިތުގެ ކުރީސަފުން މުލްހަމް ޖާގަހޯދަނީ އިމާމާ ވީހާ ކައިރީގައި ހުރެ އިމާމުގެ ހަރަކާތްތައް ބެލުމަށެވެ. ނަމާދު ނިމިގެން އިމާމާ މުލްހަމް ބައްދަލުކުރެއެވެ.
މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މިދިޔަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަތް ހިސާބުން މުލްހަމް ދިޔައީ އިމާމު ކުރައްވާ ކަންކަން ބަލަމުންނެވެ. ބައްޕަ ކައިރީ އަހާ އޮޅުން ފިލުވަމުންނެވެ. އިމާމު ވަޑައިގަންނަވާ މިސްކިތަކަށް ދިއުމުގެ ފުރުސަތު ހޯދުމަށެވެ.
އިމާމް ބުރައިދު ރާއްޖެ ވަޑައިގެން ޖެހިގެން އައި ދުވަހު ވަނީ ޕްރީ ސްކޫލްތަކުގެ އެތައްސަތޭކަ ދަރިވަރުންނަކާއި އިސްލާމީ މަރުކަޒުގައި ބައްދަލުކުރައްވާފައެވެ. ކުޑައިރުންސުރެ އިމާމަކަށް ވުމުގެ ޝައުގުވެރިކަން ހުރި މުލްހަމް އަށް އެ ބައްދަލުވުމުގައި ބޮޑު ޝަރަފަކާއި އުފަލެއް ލިބިގެން ދިއެވެ. ސާޅީސް އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގެން ބޭއްވެވި ފުރަތަމަ ރަސްމިއްޔާތުގައި ޤުރްއާން ކިޔެވުމުގެ ނަސީބު މުލްހަމް އަށް ލިބުމަކީ ހާއްސަ އުފަލެކެވެ.
މަސްޖިދުއްނަބަވީގެ އިމާމު ޕްރީ ސްކޫލް ކުދިންނާ ބައްދަލުކުރައްވާއިރު ޤުރްއާން ކިޔަވާނެ ކުދިން ހަމަޖެއްސުމަށް ސްކޫލްތަކަށް އެންގީ އިސްލާމިކް މިނިސްޓްރީންނެވެ. މަސްޖިދުއްނަބަވީގެ އިމާމުގެ ހާޒިރުގައި ޤްރުއާން ކިޔެވުމުގެ ފުރުސަތު ލިބި، އިމާމަކަށް ވުމަށް މުލްހަމް ދެކެމުން އައި އުންމީދަށް ބޮޑު އުފަލެއް ލިބިގެން ދިޔައީ އާންމުކޮށް ހުޅުވާލި ފުރުސަތެއްގެ ތެރެއިންނެވެ.
ޕަލާހް ޕްރީ ސްކޫލްގެ އޮފިޝަލަކު އެމްއެމްޓީވީއަށް ވިދާޅުވި ގޮތުގައި އިމާމު ބައިވެރިވެ ވަޑައިގަތް ރަސްމިއްޔާތުގައި ޤުރްއާން ކިޔެވުމުގެ ފުރުސަތު މުލްހަމް އަށް ދޭން ނިންމީ ސްކޫލްގެ އެސެމްބްލީގައި ރީތިކޮށް ޤުރްއާން ކިޔަވާ ކުއްޖެއްގެ ގޮތުގައި ފާހަގަކުރެވިގެންނެވެ. މުލްހަމް ފަލާހް ޕްރީ ސްކޫލާ ގުޅުނުތާ އަދި ތިން ހަފުތާ ވެސް ނުވެއެވެ.
"މިނިސްޓްރީން ކުއްޖަކު ހަމަޖައްސައިދޭން އެދުނީމަ، އަޅުގަނޑުމެން އެކުއްޖާގެ ޕޭރަންޓަށް ގުޅާފައި އެކަން އެންގީ. އެސެމްބްލީގައި ރީތިކޮށް ޤުރްއާން ކިޔަވާތީ ޓީޗަރުންނަށް ވެސް ފެނުނީ މުލްހަމް ހަމަޖައްސަން،" ފަލާހް ޕްރީ ސްކޫލްގެ އިސްވެރިއަކު ވިދާޅުވި އެވެ.
މުލްހަމްގެ ބައްޕަ ބުނި ގޮތުގައި އިމާމާ ބައްދަލުކުރަން ދިއުމަށް ތިން ތާކިހާ އެނާ ގަތެވެ. މުލްހަމް އެންމެ ގަޔާވީ ކުރިން ވެސް ގެންގުޅު ތާކިހަލަށެވެ. މުލްހަމްގެ ބައްޕަ ބުނީ އަބަދުވެސް އިމާމަކަށް ވާން ހިތު އަޅައިގެންހުރި މުލްހަމް އަށް މުގައްދަސް ޙަރަމްފުޅެއްގެ އިމާމެއްގެ ކުރިމަތީގައި ޤުރްއާން ކިޔެވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ، ހުވެފެނެއްގައި ވެސް ވެދާނެކަމަށް ހީވެފައިއޮތް ކަމެއްނޫން ކަމަށެވެ.
ޢުމްރާއަށް ދިއުމަކަށް ވެސް ހިތު އަޅައިގެން ހުރި މުލްހަމްއަށް އިމާމު ޑރ.ޞަލާޙުލް ބުދައިރު އާ ބައްދަލުވެ ޤުރްއާން ކިޔެވުމުގެ ފުރުސަތު ވެސް ލިބިގެން ދިއުމަކީ މާތް ﷲ ރުއްސަވާ ކަމަކަށް ހިތުއަޅައިފިނަމަ އެކަލާނގެ އެކަމަކަށް މަގު ދައްކަވާނެކަމުގެ ހެއްކެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ދެއްވި ދައުވަތު ގަބޫލުކުރައްވާ، ރާއްޖެ ވަޑައިގަތް މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރަށް އެނގިވަޑައިނުގެން ނަމަވެސް ބައްދަލުކުރައްވާ ފުރާލަދެއްވީ އިމާމަކަށްވާން ބޭނުންވެފައިހުރި މުލްހަމްގެ ހިތެވެ.