ENGLISH
10 މޭ 2025
ފުޓްބޯޅަ މުޅި ރާއްޖެއަށް ފުޅާކޮށް، އެފްއޭއެމްގެ ގަވައިދު އިސްލާހުކުރަން ހުށަހަޅައިފި
23 އޭޕްރީލު 2025
|
މިދިޔަ އަހަރު ބޭއްވި ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އޭދަފުށިން ތަށި އުފުލާލަނީ. ފުޓްބޯޅަ މުޅި ރާއްޖެއަށް ފުޅާކުރުމުގެ އިސްލާހެއް އެފްއޭއެމްގެ އަސާސީ ގަވައިދަށް ވަނީ ހުށަހަޅާފަ. ފޮޓޯ: ރައީސް އޮފީސް
މުޅި ރާއްޖެ ޝާމިލްވާގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އަސާސީ ގަވައިދު އިސްލާހުކުރަން، ޓީސީ ސްޕޯޓްސް ކްލަބް އިސްކޮށް އޮވެ ހުށަހަޅާފައިވާކަމަށް، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އިއްޔެ ތޯރިގު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޓީސީ ސްޕޯޓްސް ކްލަބުން އެފްއޭއެމްގެ ގަވައިދު އިސްލާހުކުރަން ހުށަހެޅީ މިހާރުގެ މެމްބަރު 17 ކްލަބުގެ ތެރެއިން 10 މެމްބަރު ވޯޓާ އެކު ކަމަށެވެ.
އިސްލާހުތައް ހުށަހެޅި 10 ކްލަބްގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް ވެލެންސިއާގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބް އަދި ޖޭޖޭ ސްޕޯޓްސް ކްލަބް ހިމެނެއެވެ.
އިސްލާހުގެ އެންމެ ބޮޑު ހުށަހެޅުމަކީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތައް ހަދައި އެ ހަތަރު ސަރަހައްދުގެ ކްލަބްތަކުން ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ނިންމުމުގައި ބަސްބުނެ ވޯޓްލެވޭނެ ހައްގު ކަށަވަރުކުރުމެވެ.
ހުށަހެޅި ގޮތް:
ހުށަހެޅި އިސްލާހާއެކު ދިވެހި ޕްރިމިއާ ލީގުގައި ހިމެނޭ ކްލަބްތަކުން ޖުމްލަ 64 ވޯޓު ލެވޭނެއެވެ. އޭގެތެރޭގައި ހިމެނެނީ ކޮންމެ ސަރަހައްދަކަށް ލިބޭ 11 ވޯޓެވެ. އަދި، މިހާރު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބްތަކަށް 20 ވޯޓު ލެވޭނެއެވެ. އިސްލާހުގައި ހިމެނޭ އިތުރު ހުށަހެޅުންތަކުގެ ތެރޭގައި ރީޖަނަލް އެސޯސިއޭޝަންތައް 12 މަސްދުވަހުގެ ތެރޭގައި އުފެއްދުމުގެ އިތުރުން ގިނަވެގެން 24 މަސްދުވަހުގެ ތެރޭގައި ރީޖަނަލް ލީގުތަކުން ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވާނެ ގޮތާއި ރެލިގޭޓްވާނެ ގޮތަށް ލީގުގެ ސްޓްރަކްޗަރ ބަދަލުކރުުން ހިމެނެއެވެ. އަދި، އެފްއޭއެމްގެ މުބާރާތްތަކުގައި ޖެހިޖެހިގެން ފަސް އަހަރު ކުޅުމުން މެމްބަޝިޕް ދިނުމަށް އޮންނަ މާއްދާ، ޖެހިޖެހިގެން ތިން އަހަރު ކުޅުމުން މެމްބަޝިޕް ދޭގޮތަށް ބަދަލުކުރުން ހިމެނެއެވެ.
އަލަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ވޯޓުލުން އޮންނާނީ އަންނަ މަހު އޮންނަ އެފްއޭއެމްގެ ކޮންގްރެސްގައެވެ. އެ ކޮންގްރެސްއިން ފާސްވެއްޖެނަމަ ގިނަ ބަޔަކު އެދެމުން އަންނަ ތާރީހީ ބަދަލު ރާއްޖޭގެ ފުޓްބޯޅައަށް އަންނާނެއެވެ. އޭރުން އެފްއޭއެމް ފެޑެރޭޝަނަކަށް ބަދަލުވެ އޭގެ ދަށުން ހިންގާނީ ރީޖަނަލް އެސޯސިއޭޝަންތަކެކެވެ. ކޮންގްރެސްގައި އަަސާސީ ގަވައިދު އިސްލާހުކުރުމުގެ އިތުރުން، އެގްޒެކެޓިވް ކޮމިޓީ ހޮވުން އޮންނާނެއެވެ.