ENGLISH

19 އޭޕްރީލު 2025

Advertisement

ހާވާޑް ޔުނިވަރސިޓީއަށް ދަތިކުރަން، ޓެކްސް ލުއިތައް ވެސް ކަނޑާލާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

16 އޭޕްރީލު 2025

|

ހަސަން އާމިރު

އެމެރިކާގެ ސަރުކާރުން އެންގި އެންގުންތަކަށް ދެކޮޅު ހެދުމުން، އެ ޤައުމުގެ ހާވާޑް ޔުނިވަރސިޓީއަށް ދީފައިވާ ޓެކްސް ދެއްކުމުގެ އިސްތިސްނާ ވެސް އުވާލަން ޖެހިދާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ހާވާޑް ޔުނިވަރސިޓީ އަކީ މުޅި ދުނިޔޭގައި ވެސް ހިންގާ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އެއް ޔުނިވަރސިޓީއެވެ.

ޔުނިވަސިޓީ ހިންގުމާއި އެތަނަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރާ އުސޫލުތައް ބަދަލުކުރުމަށް ޓްރަމްޕުގެ ސަރުކާރުން ވަނީ އަންގައިފައެވެ.

ސަރުކާރުން ހާވާޑަށް ފޮނުވި ސިޓީގައި ޑިމާންޑްކޮށްފައިވާ ކަންކަމުގެ ތެރޭގައި ޖިންސީ އަދި ފިކުރީ ވިސްނުންތަކަށް ބެލުމެއް ނެތި ދަރިވަރުންނަށް ފުރުޞަތު ދިނުން ހުއްޓާލުމާއި ބޭރުގެ ދަރިވަރުންގެ ތެރެއިން "ޓެރަރިޒަމާއި ޔަހޫދީންނާ މެދު ނަފްރަތު އުފެދޭ ފިކުރަށް ތާއީދުކުރާ ދަރިވަރުން" ޔުނިވަސިޓީއަށް ނުވެއްދުމާއި މުވައްޒަފުން ނެގުމުގައި ވެސް މިފަދަ އުޞޫލުތައް ގެންގުޅުން ހިމެނެއެވެ.

ނަމަވެސް، ޔުނިވަރސިޓީ ހިންގުމުގެ މިނިވަންކަމާއި ޤާނޫނުއަސާސީން ލިބިދީފައިވާ ހައްޤުތައް ހަނިކުރުމަށް ފުރުޞަތު ނުދޭނެކަމަށް ބުނެ، އެ އެންގުންތަކަށް ޢަމަލުކުރަން ހާވާޑުން ވަނީ ދެކޮޅު ހަދައިފައެވެ.

އެއާއެކު އެމެރިކާގެ ފެޑެރަލް ސަރުކާރުން ވަނީ އެ ޔުނިވަރސިޓީއަށް ދޭ 2.2 ބިލިއަން ޑޮލަރުގެ ބަޖެޓުގެ އިތުރުން 60 މިލިއަން ޑޮލަރުގެ ސަރުކާރުގެ ކޮންޓްރެކްޓުތައް ވެސް ހިފަހައްޓައިފައެވެ.

އޭގެއިތުރުން ވެސް، ހާވާޑް ޔުނިވަރސިޓީއަށް އިތުރަށް ދަތިކުރާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ އެދިވަޑައިގަތް ޑިމާންޑްތަކަށް ބޯނުލަނބާ ނަމަ ހާވާޑްގެ ޓެކްސް އިސްތިސްނާ އުވާލައި ސިޔާސީ މުއައްސަސާއެއްގެ ގޮތުގައި ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.

ޔަހޫދީ ދަރިވަރުންނަށް ފުރައްސާރަކުރި ކަމުގެ ނަމުގައި، ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރި ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ދިން އިންޒާރުތަކަށް ފަހު ކޮލަމްބިޔާ ޔުނިވަރސިޓީގެ 400 މިލިއަން ޑޮލަރުގެ އެހީ ވެސް އެމެރިކާގެ ސަރުކާރުން ވަނީ ކަނޑާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު