ENGLISH

16 އޭޕްރީލު 2025

Advertisement

ވެހިކަލް އެތެރެކޮށް، މަގުމަތީ ބާއްވައިގެން ވިއްކުމުގެ ފުރުސަތު 90 ދުވަސް ފަހުން ނިމުމަކަށް!

15 އޭޕްރީލު 2025

|

އަހުމަދު ސައީދު

މާލޭ އިރުމަތީ ފަރާތު ބޮޑުތަކުރުފާނުމަގުން ކާރެއް ދުއްވާފައި އަންނައިރު، މަގުގެ އެއް ފަރާތުގައި ކާރުތަކެއް ޕާކުކޮށްފައި: ކުރިއަށް އޮތްތަނުގައި ކުރިއާލައި ހުއްދަ ނުނަގައި އެތެރެކުރެވޭނީ ދެ ފުރޮޅު ހުންނަ ވެހިކަލް އެކަނި-- ފޮޓޯ/އެމްއެމްޓީވީ

ރާއްޖެއަަށް ވެހިކަލް އެތެރެކޮށް މަގުމަތީގައި ވެހިކަލް ބަހައްޓައިގެން ވިޔަފާރިކުރުން ގަވާއިދަށް ގެނައި އިސްލާހުގެ ސަބަބުން ނިމުމަކަށް ގެނެވޭނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެެފިއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ޢަލީ ނިޝާން ވިދާޅުވީ ބައެއް ފަރާތްތަކުން ތަންތަން ކުއްޔަށް ހިފައިގެން ވެހިކަލް އެތެރެކޮށް ވިއްކުމުގެ ވިޔަފާރި ކުރަމުންދާއިރު، ވެހިކަލް އެތެރެކޮށް މަގުމަތީގައި ބާއްވައިގެން ވިޔަފާރިކުރާ ފަރާތްތައް އުޅޭ ކަމަށެވެ. އެފަދަ ފަރާތްތަކުން ވެހިކަލް އެތެރެކޮށް ވިކެންދެން މަގެއްގެ މަތީގައި ބޭއްވުމުން މަގުމަތީގައި ޕާކުކުރާނެ ޖާގަތަކެއް ގެއްލޭކަމަށް އޭނާ ވިދާޅުވީ އެވެ. 

ނިޝާން ވިދާޅުވީ  ހޯމަ ދުވަހު ގެޒެޓުކުރި "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން، އެ ގަވާއިދު ގެޒެޓުކުރި ދުވަހުން ފެށިގެން 90 ދުވަސްފަހުން ދެފުރޮޅުލީ އެއްގަމު އުޅަނދު ފަހަރު ފިޔަވާ އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން މިނިސްޓްރީން ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. އެ ހުއްދަ ނަގާއިރު ސައްހަ ގަރާޖެެއް އޮތްކަން މިނިސްޓްރީން ޔަގީންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިގޮތަށް ވެސް މި ހަދަން ޖެހުނު ސަބަބަބީ ހަމަ ވަރަށް ފަސޭހައިން އެތެރެކުރެވޭތީ އެބައޮވޭ މާލެ ނުނީ ހުޅުމާލެ މަގުމަތީ ވިއްކަން ބާއްވާފައި، އެހެން ނަމަވެސް މި ވިޔަފާރިކުރައްވާ ފަރާތްތައް އެބައުޅޭ ޓެކްސް ދައްކަވައިގެން ބޮޑެތި ގުދަންތައް ކުއްޔަށް ނަންގަވައިގެން، ވެހިކަލް ގެނެސް ބާއްވާނެ ތަނެއް ހޯދައިގެން މި ވިޔަފާރިކުރާ،" ނިޝާން ވިދާޅުވި އެވެ.

"މީގެ ފަހުން ވެހިކަލް އެތެރެކުރެވެނީ ހާއްސަ ހުއްދައިގެ ދަށުން، މިނިސްޓްރީން ކަށަވަރު ކުރާނެ ފަސް އަހަރު ޕީރިއެޑްގެ ތެރޭގައިތޯ ވެހިކަލް މި އޮންނަނީ، އެ ހުއްދައިގެ ދަށުން ކަސްޓަމުންވެސް އެތެރެވެސް ކުރެވޭނީ އަދި ރަޖިސްޓްރީވެސް ކުރެވޭނީ.،"

ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އުފެއްދި އަހަރުން ފެށިގެން ފަސް އަހަރަށްވުރެ އިތުރުވެފައިވާ ކާރާއި ވޭނާއި ބަސް އެތެރެއެއް ނުކުރެވޭނެ އެވެ. ނިޝާން ވިދާޅުވީ ކުރިން އެތެރެކޮށްފައިވާ ވެހިކަލުގެ ތެރެއިން އުފެއްދި ތާރީހު 2015 އިން ފެށިގެން 2024 އާ ހަމައަށް، ހުރި އުޅަނދުތައް މާލެ ނޫން އެހެން ޒޯންތަކަށް ރަޖިސްޓްރީ ކުރުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށެވެ. މި ފުރުސަތު ދޭން ނިންމީ، އެނާ ވިދާޅުވީ އުމުރު ހަމަވެފައިހުންނަ ވެހިކަލް ރަޖިސްޓްރީ ނުކުރެވި ހުރުމުގެ ސަބަބުން، ހުޅުމާލެ އާއި މާލޭގެ މަގުމަތީގައި ވެހިކަލް ރަޖިސްޓްރީނުކޮށް ޕާކުކޮށްފައި ހުރި ފަރާތްތަކަށް ހައްލެެއް ހޯދައިދިނުމުގެ ގޮތުންނެވެ.

"ބީ އަދި ސީ ޒޯނަކީ މާލެ ނޫން އެހެން ޒޯންތައް، މިއިން އެއްވެސް ވެކިލެއް ރަޖިސްޓްރީ ނުކުރެވޭނެ މާލެ ޒޯނަކަށް،" ނިޝާން ވިދާޅުވި އެވެ. "ސުވާލަކީ ބީ އަދި ސޯ ޒޯނަށް ރަޖިސްޓްރީކޮށްފައި ފަހުން މާލެއަށް ކުރެވިދާނެ ހެއްޔޭ؟ ފަހުންވެސް މާލެ އަކަށް (ރަޖިސްޓްރީ ބަދަލެއް) ނުކުރެވޭނެ،"

ނިޝާން ވިދާޅުވި ގޮތުގައި ގަވާއިދަށް ގެނައި ބަދަލާއި އެކު ގަރާޖު ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. ހިޔާކޮށް ކަރަންޓުލައި ތަޅު ނޭޅި ނަމަވެސް ވަށާފާރު ހުރެފައި ވެހިކަލް ވެއްދޭނެވަރުގެ ދޮރެއް ހުރެއްޖެނަމަ ބަލާނީ ގަރާޖެއްގެ ގޮތުުގައިކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެޕާޓްމަންޓް ބިލްޑިންގް ތަކުގެ ޕާކިން ޖާގަ އާއި ވިޔަފާރި އުސޫލުން ވެހިކަލް ޕާކުކުރަން ހަދާ އިމާރާތްތަކުގެ ޖާގަވެސް ގަރާޖުގެ ގޮތުގައި ގަބޫލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު