ENGLISH

26 ނޮވެމްބަރު 2024

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީއަކަށް ނާހިލް

12 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

ނާހިލް އަހްމަދު ސިއްދީގު

ނާހިލް އަހްމަދު ސިއްދީގު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކޮށްފިއެވެ.

އެފްއޭއެމްގައި ކުރިން ވެސް ނާހިލް ވަނީ މަސައްކަތްކޮށްފައެވެ. އެންމެ ފަހުން އޭނާ އަދާކޮށްފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމެވެ.

މިނިސްޓްރީއާ ގުޅުމުގެ ކުރިން، އޭނާ ވަނީ އެފްއޭއެމްގެ އެކި މަގާމު ތަކުގައި މަސައްކަތް ކޮށްފައެވެ. އުމުރުން 24 އަހަރުގެ ނާހިލް ވެގެންދާނީ އެފްއޭއެމްގެ އިދާރީ އެންމެ އިސް މަގާމާ ހަވާލުވާ އެންމެ ޒުވާން ޖެނެރަލް ސެކްރެޓަރީއަށެވެ. އަންނަ ހަފުތާގައި އެފްއޭއެމްގެ މަސައްކަތަށް އޭނާ ރަސްމީކޮށް ނިކުންނާނެއެވެ.  

ނާހިލް ވަނީ ސޯޅަ އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. އަދި މާޒިޔާގެ ޔޫތު ޓީމަށް ވެސް ކުރިން ކުޅެފަ އެވެ. 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި އިންޓާންޝިޕްގެ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު އޭނާ ވަނީ އެފްއޭއެމްގެ ރަސްމީ ވަޒީފާ އަށް ޖެނުއަރީ 2022 ގައި ގުޅިފައެވެ.

އެންމެ ފުރަތަމަ ކޮމްޕްޓީޝަން އޮފިސަރެއްގެ ގޮތުގައި އެފްއޭއެމްއާ ގުޅުނު ނާހިލް ފެބްރުއަރީ މަހު ވަޒީފާއިން ވަކިވި އިރު އޭނާއަކީ ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ އެކްޓިން ހެޑްއެވެ.

ވިލާ ކޮލެޖާ ގުޅިފައިވާ ވެސްޓް އޮފް އިންގްލެންޑް ޔުނިވަސިޓީގެ ބިޒްނަސް މެނޭޖްމެންޓް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ޑިގްރީ ވަނީ ހާސިލްކޮށްފައެވެ. 

ޖީއެސްގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ތައުލީމާއި ތަޖުރިބާގެ ގޮތުން ވެސް އެންމެ ގާބިލު ކެންޑިޑޭޓަކީ ނާހިލް ކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވިއެވެ. އަދި އިންޓަވިއުގައި ވެސް އެންމެ ގިނަ މާކުސް ހޯދާފައި ވަނީ އޭނާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"އެޑިއުކޭޝަން ކޮލިފިކޭޝަނާއި ފުޓްބޯޅައިގައި ކޮށްފައިވާ މަސައްކަތްތަކާއި އަދި އިންޓަވިއުއިން ވެސް އެންމެ ގާބިލު އެޕްލިކަންޓަކަށް ފެނުނީ ނާހިލް،" ޒުހޫރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު