ENGLISH

02 އޭޕްރީލު 2025

Advertisement

އިސްލާމީ މުފައްކިރުންގެ ތެރެއިން (2): މާލިކް ބިން ނަބީ

17 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

އަލްޖަޒާއިރުގެ ޤުސަންޠީނިއްޔާ ނަމަކަށް ކިޔުނު ސިޓީގައި އާދައިގެ ނިކަމެތި އާއިލާއަކަށް 1905 ވަނަ އަހަރު އުފަންވެވަޑައިގެންނެވި މާލިކް ބިން ނަބީގެ ބައްޕާފުޅަކީ ސިޓީގެ އާދައިގެ މުވައްޒަފެކެވެ. މަންމާފުޅަކީ ގެ ބެލެހެއްޓެވުމުގެ ޒިންމާ އަދާކުރެއްވި ބޭކަނބަލެކެވެ. އާއިލާގެ ނިކަމެތިކަމާއެކުވެސް އެ އާއިލާއަކީ ދީނަށް ލޯބިކުރި، ނަފްސުގެ އިއްޒަަތް ދެމެހެއްޓި އާއިލާއެކެވެ. 

އެ އާއިލާގެ ނަފްސުގެ އިއްޒަތުގެ މިސާލެއްގެ ގޮތުން މާލިކް ބިން ނަބީ އޭނާގެ "ޝާހިދުލް ޤަރްނި" ފޮތުގައި ލިޔުއްވާފައިވާ އެއް ހާދިސާއަކީ ފަރަންސޭސިންގެ އިސްތިއުމާރު ޖަޒާއިރަށް ވާސިލުވުމުން އެ އާއިލާ އަމިއްލަ ރަށް ދޫކޮށް ހިޖުރަކުރި ކުރުމެވެ. މަގުސަދަކަށްވީ ފަރަންސޭސި ސިފައިންގެ އަނިޔާވެރި ވަހުޝީ އަމަލުތަކުން އެ އާއިލާގެ އަންހެންކުދިން ހިމާޔަތްކުރުމެވެ. 

މާލިކްގެ މަންމާފުޅު އޭނާގެ ތުއްޕުޅުއިރުއްސުރެ ޤުރުއާން އުނގަންނަވައިދެއްވަން ބޮޑު އަހަންމިއްޔަތެއް ދެއްވިއެވެ. އެ އަހަންމިއްޔަތުގެ ނަތީޖާއަކަށްވީ މާލިކުގެ ހިތްޕުޅުގައި ޤުރުއާނަށް ޚާއްޞަ ލޯތްބެއް އުފެދުމާއި، އެލޯބީގެ ސަބަބުން ޤުރުއާނުގެ ދިފާޢުގައި ބޮޑެތި މަސައްކަތްތަކެއް ކުރެއްވުމެވެ. އޭނާ ލިޔުއްވި "އައްޡާހިރަލް ޤުރުއާނިއްޔާ"އަކީ ޤުރުއާނުގެ ދިފާޢުގައި ލިޔެވިފައިވާ ފޮތްތަކުގެ ތެރެއިން މުސްތަޝްރިޤުން ޤުރުއާނާމެދު އުފައްދާފައިވާ ޝައްކުތަކާއި ވަހުމުތަކަށް އިލްމީ ގޮތެއްގައި ހުޅަަނގުގެ ފިކުރީ މިންގަނޑުތަކާ އެއްގޮތަށް ރައްދުދީފައިވާ މަދު އަގުހުރި ފޮތްތަކުގެ ތެރޭގައި ހިމެނޭ ފޮތެކެވެ. 

ހުޅަނގާއި އިރުމަތި އެއްކުރެއްވުން 

ތުއްޕުޅު އުމުރުގައި ޖަޒާއިރުގެ އަރަބި މަދުރަަސާތައް ނުވަތަ ކުއްތާބުތަކުން އުނގެނިވަޑައިގަތުމާއެކު، ފަަރަންސޭސި މަދުރަސާތަކުގައި ކިޔަވައިވިދާޅުވުމުގެ ސަބަބުން ދީނުގެ އިލްމާއި ހުޅަނގުުގެ އިލްމުތައް ދަސްކުރެއްވުމުގެ ފުރުސަތު މާލިކަށް ލިބިވަޑައިގަތެވެ. އިސްލާމީ މައުހަދަކުން ތައުލީމު ފުރިހަމަކުރެއްވުމާއެކު، ފަރަންސޭސިވިލާތަށް ވަޑައިގެން އެ ގައުމުގައި އިންޖިނިއަރިން ދާއިރާއިން ކިޔަވައިވިދާޅުވެ ދީނީ އިލްމާއި ދުނިޔަވީ އިލްމު އެއްކުރެއްވިއެވެ. 

ނަމަވެސް އެހެނިހެން އިލްމުވެރިންނާ މާލިކުގެ އެންމެ ބޮޑު ތަފާތަކީ އޭނާއަކީ އަމިއްލައަށް އުނގެނިވަޑައިގެންނެވި ބޭފުޅަކަށްވުމެވެ. މާލިކުގެ އެންމެ ހާއްސަ ސިފަފުޅަކީ ގިނައިން ފޮތް ވިދާޅުވުމެވެ. އަމިއްލަފުޅަށް އުނގެނިވަޑައިގަތުމުގެ މަސައްކަތްޕުޅު ދުވަހަކުވެސް ހުއްޓަވައިނުލައްވައި އެކަމުގައި ދެމިހުންނެވި ހުންނެވުމަކީ އޭނާގެ އިލްމުގެ ދާއިރާގެ ތަނަވަސްކަމުގެ އަސްލު ސަބަބެވެ. 

ފަރަންސޭސިވިލާތުގައި 30 އަހަރު ދިރިއުޅުއްވުމަށްފަހު 1956 ވަނަ އަހަރު މިސްރަށް ވަޑައިގެން، އަރަބި ބަހުގެ އިލްމުގެ ފުނަށް ފީނާވަޑައިގަތެވެ. އަދި މިސްރުގައި ޑރ.ޢަބްދުއްޞަބޫރު ޝާހީން މާލިކު ފަރަންސޭސި ބަހުން ލިޔުއްވި ފޮތްތައް އަރަބި ބަހަށް ތަރުޖަމާކުރައްވައި ޝާއިއުކުރެއްވުމާއެކު، މިސްރާއި ޝާމުގެ ބޮޑެތި އިލްމުވެރިންނާއި މުފައްކިރުންގެ މެދުގައި މާލިކުގެ ނަންފުޅު ހިނގާން ފެށިއެވެ. 

މިސްރުގައި ހުންނެވި ދުވަސްވަރު އެއިރު މިސްރުގެ ރައީސްކަމުގައި ހުންނެވި ޖަމާލް އަބްދުއްނާސިރާ އުފެދުނު ގާތްކަމުގެ ސަބަބުން މާލިކަށް މިސްރު ސަރުކާރުން މުސާރައެއް ކަނޑައަޅައި ފޮތް ލިޔުއްވައި ދިރާސާކުރެއްވުމަށް ހުސްވެވަޑައިގެން ހުންނެވުމުގެ ފުރުސަަތު ލިބިވަޑައިގަތެވެ. ހަތް އަހަރު މިސްރުގައި ހުންނެވިއިރު، އެ ދުވަސްވަރު ފެށުނު ޖަޒާއިރުގެ މިނިވަންކަމުގެ ހަރަކާތަށް ހިތްވަރުދެއްވައި ލިޔުއްވައި، އެ އިންގިލާބަށް މަދަދުވެރިވެވަޑައިގަތެވެ. 

1963 ވަނަ އަަހަރު ޖަޒާއިރަށް މާލިކު އެނބުރިވަޑައިގެން އެކަޑެމިކް ތަފާތު މަގާމުތައް ފުރުއްވިއެވެ. ޖަޒާއިރު ޔުނިވަރސިޓީގެ ޑިރެކްޓަރުކަމާއި، މަތީ ތައުލީމާ ބެހޭ ޑިރެކްޓަރުކަން ފަދަ މަގާމުތައް އަދާކުރެއްވުމަށްފަހު، 1967 ވަނަ އަހަރު ފިކުރީ މަސައްކަތްޕުޅަށް ހުސްވެވަޑައިގަތުމަށްޓަކައި އެ މަގާމުން އިސްތިއުފާދެއްވިއެވެ. 

ފިކުރީ އުފެއްދުންތެރިކަން ތަނަވަސް ހަޔާތްޕުޅަކަށްފަހު މާލިކު ބިން ނަބީ ދުނިޔެ ދޫކުރެއްވީ 1973 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އޭނާ ދޫކުރެއްވި ފިކުރީ ޚަޒާނާގައި 30 އަށްވުރެ ގިނަ ފޮތް ހިމެނެއެވެ. މިހާތަަނަށް އެއިން ޝާއިއުކުރެވިފައިވަނީ 20 ފޮތެވެ. އަދިވެސް މާލިކުގެ ބައެއް ފޮތްތައް ހުރީ އަތްޕުޅުން ލިޔުއްވި ގޮތަށެވެ. ޝާއިއުނުކުރެވިއެވެ. 

މާލިކުގެ އެންމެ މުހިއްމު ފޮތްތަކުގެ ތެރޭގައި، "ޡާހިރަލް ޤުރުއާނިއްޔާ"، "ވިޖްހަތުލް ޢާލަމިލް އިސްލާމީ" އަދި "ޝުރޫޠުއް ނަހްޟާ" ހިމެނެއެވެ. 

ދީލަތި އިންޤިލާބީއެއް 

މާލިކު ބިން ނަބީއާއެކު އުޅުއްވި އޭނާގެ އެކުވެރިން މާލިކު ސިފަކުރައްވާފައިވަނީ ދީލަތި ބޭފުޅެއްގެ ގޮތުގައެވެ. ލިބިވަޑައިގެންނެވި މަޝްހޫރުކަމާއި ކޮންމެވެސް މިންވަރެއްގެ ތަނަވަސްކަމެއް ލިބިވަޑައިގެންނެވި ނަމަަވެސް ދިރިއުޅުއްވުމުގައި އޭނާއަކީ އާދައިގެ ދިރިއުޅުމަކަށް ލޯބިކުރެއްވި ބޭފުޅެކެވެ. 

މިސްރުގައި މާލިކާއެކު އެއްގެއެއްގައި ދިރިއުޅުއްވި ފާސްގެ ޢައްލާމާ އަދި މަޝްހޫރު މުއައްރިޚު ޑރ.ޢަބްދުއްސަލާމް އަލްހައްރާސް މާލިކާމެދު ލިޔުއްވިއެވެ. "އަހަރުމެންނާއެކު މާލިކު ބިން ނަބީ ދިރިއުޅުއްވީ ވަރަށް އާދައިގެ ގޮތެއްގައެވެ. އޭނާގެ ފޮތްޕުޅުތަކުން ފައިސާ ލިބިވަޑައިގަތުމުން ގޭގެ ކަންކަމަށް ހިއްސާއެއް ދެއްވައެވެ. އަދި އެއަށްފަހު ގޭގައި ދިރިއުޅޭ އެހެން މީހުންނަށް މާލީ ގޮތުން އެހީތެރިކަން ދެއްވެވޭނެ ގޮތަކާމެދު ސުވާލު ކުރައްވައެވެ." 

އޭނާގެ އިލްމުގެ އަގު މާލިކަށް އެނގިވަޑައިގަންނަވައެވެ. ފިކުރީ ކަންކަމުގައި ގަދައަށް ހިފަހައްޓަވައި ދެބަސްވުމުގައި ބަސްފުޅު ވިދާޅުވެއެވެ. ނަމަވެސް މާލިކަކީ އޭނާގެ އެކުވެރިންނަށް ވަފާތެރި މަދަދުވެރި ބޭފުޅެކެވެ. 

އަލްހައްރާސް ލިޔުއްވިއެވެ. "އަހުރެން ކިޔަވައި ނިންމުމަށްފަހު އަނބުރާ މަޣުރިބަށް އަންނަން ނިންމުމުން އަހަރެންނާއެކު ބޫރް ސަޢީދުގެ ބަނދަރަށް ބޯޓުގެ ދޮރާ ހަމައަށް މާލިކު ވަޑައިގަތެވެ." 

އައު ހޭލުމަކަށް މަގުކޮށްޓެވި 

މާލިކުގެ ފިކުރީ މަސައްކަތްޕުޅުތައް މަައިގަނޑު ގޮތެއްގައި ދެ ދާއިރާއަކަށް ބަހައިލެވިދާނެއެވެ. ފުރަތަމަ ދާއިރާއަކީ ޤުރުއާން ދިރާސާކުރުމުގެ ދާއިރާއެވެ. ޤުރުއާން ދިރާސާކުރުމުގެ ދާއިރާގައި މާލިކަކީ ޑރ.މުޙައްމަދު ޢަބްދުﷲ ދައްރާޒާއެކު އެ ދާއިރާ އިންޤިލާބުކުރެއްވި ބޭފުޅެއްގެ ގޮތުގައި ބެލިދާނެއެވެ. އެގޮތުން އޭނާގެ "އައްޡާހިރަލް ޤުރުއާނިއްޔާ"އަކީ، ތާރީޚީ އަދި މަންތިގީ ތަހުލީލުތަކުގެ އެހީގައި ޤުރުއާނަކީ މާތްﷲގެ ބަސްފުޅުކަން ސާބިތުކޮށްދިން ފޮތެކެވެ. އަދި އެއީ ބަހަަވީ ތަހުލީލާ ދުރުން އެއަށްވުރެ ޒަމާނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ޤުރުއާން ދިފާއުކުރުމުގެ މަސައްކަތްތަކަށް މަގުކޮށައިދިން ފޮތެކެވެ. 

ދެވަނަ ދާއިރާއަކީ އިސްލާމީ ފިކުރު އަލުން ބިނާކުރެއްވުމުގެ މަސައްކަތެވެ. 19 ވަނަ ގަރުނުގައި އިސްތިއުމާރުގެ ސަބަބުން ބަދެވި ބަލިކަށިވެފައި އޮތް އިސްލާމީ ފިކުރަށް ދިރުން ގެންނެވުމަށް ކުރެއްވި މަސައްކަތެވެ. ޒަމާނުގެ ގޮންޖެހުންތަކާމެދު ފުންކޮށް ވިސްނަވައި އިސްލާމްދީނުގެ އަސްލު މަސްދަރުތަކުން އެ މައްސަލަތަކަށް ހައްލުތައް ހޯދައިދެއްވުމާއެކު، މުސްލިމުންގެ ކިބައިން ނެތިގޮސްފައި އޮތް އަމިއްލަ ނަފްސަށް އިތުބާރުކޮށް، އަމިއްލަ ސަގާފަތާއި ޙަަޟާރަތާމެދު ފަހުރުވެރިވުމުގެ ޝުއޫރު އުފައްދައިދެއްވުމެވެ. 

މިދެންނެވި މަސައްކަތްޕުޅުގެ ތެރެއިން މުހިއްމު އެތައް މަފުހޫމެއް އިސްލާމީ އަރަބި ފިކުރީ މުސްތަލަހުތަކުގެ ރަދީފަށް އިތުރުކޮށްދެއްވިއެވެ. އިސްތިއުމާރަށް ހުޅުވާލެވިފައިވުން، މަރުވެފައިވާ ފިކުރުތަކާއި މަރާލާ ފިކުރުތައް، އިސްލާމީ ޙަޟާރަތުގެ މަރުހަލާތައް ރޫޙުގެ ދައުރުން ބުއްދީގެ ދައުރަށް އަދި އެއަށްފަހު ޣަރީޒަގެ ދައުރަށް ބައްސަވައިލައްވައި އެއިން ކޮންމެ ދައުރެއްގެ ސިފަތައް ފަދަ އެތައް މަފުހޫމެއް އިސްލާމީ ފިކުރުގެ ތެރެއަށް ގެނެސްދެއްވީ މާލިކް ބިން ނަބީއެވެ. 

މުސްލިމާގެ ޖައުހަރު ބަދަލުކުރުން

މާލިކް ބިން ނަބީގެ ވިސްނުންފުޅުގައި އިސްލާމީ އުންމަތަށް ކުރިމަަތިވެފައި އޮތް ކާރިސާއަކީ އިސްލާމްދީނުގެ އަސަރު މުސްލިމުންގެ ދިރިއުޅުމުން ނެތިދިއުމުގެ އަސަރެވެ.

އޭނާ ލިޔުއްވިއެވެ. "މުސްލިމާއާއި އޭނާގެ އަގީދާއާ ވަކިނުވެއެވެ. އަދިވެސް އޭނާއަކީ މުއުމިނެކެވެ. ނަމަވެސް އޭނާގެ އަގީދާއާއި އެއަގީދާއިން ނުކުންނަންޖެހޭ ނަތީޖާ ވަކިވެއްޖެއެވެ. އެއީ އެ އަގީދާގެ އިޖުތިމާއީ އަލިކަން ކެނޑުމުގެ ސަބަބުންނެވެ. އެހެންކަމުން މުސްލިމާއަށް ދަސްކޮށްދޭންވީ އޭނާ މިހާރުވެސް ގަބޫލުކޮށްގެން ހުރި އަގީދާއެއް ނޫނެވެ. ނަމަވެސް މުހިއްމީ އެ އަގީދާއަށް އޭގެ ނަތީޖާ ނެރެވުން (އެފެކްޓިވްނެސް) އިއާދަކުރުމާއި، އޭގެ އީޖާބީ ބާރު އަނބުރާ ހޯދައިދިނުމެވެ. އަދި އެ އަގީދާގެ އިޖުތިމާއީ އަސަރު ރުޖޫއަކުރުމެވެ. ކުރުކޮށް ބުނާނަމަ އަހަރުމެންގެ މައްސަލައަކީ މާތްﷲ ވޮޑިގެންވާކަން ގަބޫލުކުރެވޭނެ މިންވަރަށް މުސްލިމާއަށް ދަލީލު ދައްކައިނުދެވުމެއް ނޫނެވެ. ނަމަވެސް މައްސަލައަކީ މުސްލިމާއަށް ﷲ ވޮޑިގެންވާކަން އޭނާގެ ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅެއްގައި އިހުސާސްވިޔަނުދެވުމެވެ." 

މާލިކު ދެކެވަޑައިގެންނެވި ގޮތުގައި މުސްލިމުންގެ މައްޗަށް އެހެން އުންމަތްތައް ގަދަވެގަތީ އެހެން އުންމަތްތައް މޮޅުވެގެންނެއް ނޫނެވެ. ނަމަވެސް މުސްލިމުން ފިކުރީ ގޮތުން ބަލިކަށިވެ، އިސްތިއުމާރުގެ ޝިކާރައަކަށްވުމަށް ތައްޔާރުވެފައި ތިބުމުންނެވެ. މާލިކު ދެކެވަޑައިގަންނަވާ ގޮތުގައި އިސްލާމުން ފަހަތަށް ސޮއްސައިލުމުގެ ސަބަބުތައް ގުޅިފައިވަނީ މުސްލިމުންގެ ދިރިއުޅުމުގައި އިސްލާމްދީނުގެ ދައުރު ހަނިވުމާއެވެ. އިސްލާމްދީން ބާރުއަޅަނީ އުފެއްދުންތެރި، ހިންމަތްތެރި، މަސައްކަތްތެރި، އިލްމުވެރި، ކަންކަމާ ފުންކޮށް ވިސްނާ، އީޖާދުކުރުމަށް ލޯބިކުރާ ބަޔަކަށް ވުމަށެވެ. ނަމަވެސް މުސްލިމުންގެ ދިރިއުޅުމުގައި މިކަންކަން ނުފެންނަކަން މާލިކު ފާހަގަކުރެއްވިއެވެ. 

މާލިކު ބަޔާންކޮށްދެއްވި ގޮތުގައި މުސްލިމު އުންމަތުގެ ކުރިއެރުން އެހެން ބައެއްގެ ފިކުރުތަކުގެ މަތީގައި ބިނާކުރަން އުޅުނަސް އެކަމެއް ނުވާނެއެވެ. އޭނާ ގަބޫލުކުރެއްވި ގޮތުގައި ކޮންމެ އުންމަތަކަށްވެސް އެ އުންމަތެއްގެ ކުރިއެރުން ހޯދޭނީ އެ އުންމަތެއްގެ އަސްލު އުސޫލުތަކުގެ މަތީގައި ބިނާކުރާ ފިކުރުތަކަކުންނެވެ.

މާލިކު ލިޔުއްވިއެވެ. "އުންމަތެއްގެ ތަނަވަސްކަން މިނެކިރާނީ އެ އުންމަތެއްގައި ހުރި މުދަލާއި ފައިސާއިންނެއް ނޫނެވެ. ނަމަވެސް އެ އުންމަތެއްގައި ދައުރުކުރާ ފިކުރުތަކާއި ޚިޔާލުތަކުގެ ތަނަވަސްކަމާއި އޭގައި އެކުލެވޭ ބާރަކީ އުންމަތްތަކުގެ މުއްސަނދިކަން މިނެކިރާ ތަރާދެވެ." 

މާތްﷲ އިސްލާމީ ޙަޟާރަތުގެ ފަލްސަފާވެރިޔާ މާލިކް ބިން ނަބީއަށް ރަޙުމަތް ލައްވާށިއެވެ. 

ކިޔުންތެރިންގެ ހިޔާލު