ENGLISH
01 ޖުލައި 2026
ޔޫތު ޗެމްޕިއަންޝިޕް: ޓީސީ އަތުން ބުރު ސްޕޯޓްސްއަށް ފަސޭހަ މޮޅެއް
01 ޖުލައި 2026
|
ޔޫތު ޗެމްޕިއަންޝިޕުގައި ބުރު ސްޕޯޓްސް އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން ބުރު ސްޕޯޓްސް ކުލަބު ފަސޭހަ މޮޅެއް ހޯދައިފިއެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ޓީސީ އާއި، ބުރު ސްޕޯޓްސްގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކެޔޮދޫއެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ބުރު ސްޕޯޓްސް މޮޅުވީ ޓީސީ އަތުން 5-1 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގައި ބުރު ސްޕޯޓްސްއިން ހޯދި ފުރަތަމަ މޮޅެވެ. އެގޮތުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ކެޔޮދޫ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.
މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ހަވަނަ މިނެޓުގައި ބުރު ސްޕޯޓްސްއިން ލީޑު ނެގިއިރު، މި ލަނޑު ޖަހައިދިނީ އަރުހަމް އަމްޖަދެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ނޫހު އިސްމާޢީލް ވަނީ ބުރު ސްޕޯޓްސްގެ ލީޑު ފުޅާކޮށްދީފައެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ފުރަތަމަ، ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މުޙައްމަދު ޖޫދު އިސްމާޢީލް ކާމިޔާބުކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން ނޫހު ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 71 ވަނަ މިނެޓުގައި ޖޫދު ވަނީ ބުރު ސްޕޯޓްސްގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ. މި މެޗުގައި ޓީސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ އަބްދުﷲ އައިދާން ސާޖިދެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ މާޒިޔާ އާއި ނިއު ރޭޑިއަންޓެވެ.