ENGLISH
01 ޖުލައި 2026
ކޮލިފައިން ބުރު ނިމުމާއެކު ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ނިސްތާރު ވަކިވެއްޖެ
01 ޖުލައި 2026
|
ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމުން ވަކިވި އަލީ ނިސްތާރު މުޙައްމަދު --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމުން އަލީ ނިސްތާރު މުޙައްމަދު ވަކިވެއްޖެއެވެ. ދާދި ފަހުން ނިމުނު ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކޮށް، ކުޅުނު ފަސް މެޗުން ގްރީން ސްޓްރީޓްސްއަށް ލިބުނީ އެންމެ ދެ ޕޮއިންޓެވެ. ކޮލިފައިންގެ ފަސްވަނައަށް ދިޔުމާއެކު، އެ ޓީމު ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓުވެފައެވެ.
އެއާއެކު ގްރީން ސްޓްރީޓްސްއިން ވަނީ ނިސްތާރު އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިވިކަން އިއުލާންކޮށްފައެވެ. ގްރީންގެ ކޯޗުގެ މަގާމުން ނިސްތާރު ވަކިވިއިރު، މީގެ ކުރިން ކޮލިފައިން ފެށުމުގެ ކުރިންވެސް އޭނާ ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިވިކަން އިއުލާންކޮށްފައެވެ. އެކަމަކު ގްރީން ސްޓްރީޓްސްގެ މެނޭޖުމަންޓުގެ އެދުމުގެ މަތިން ނިސްތާރު ވަނީ އެ ނިންމުން ބަދަލުކޮށް، ކޮލިފައިން ބުރުގައި އެ ޓީމަށް އިރުޝާދުދީފައެވެ.
2020 ވަނަ އަހަރު ގްރީން ސްޓްރީޓްސްއާ ހަވާލުވި ނިސްތާރު މަގާމުން ވަކިވުމާއެކު، ގްރީންއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ އެ ޓީމާއެކު ނިސްތާރު ހޭދަކުރި ހަނދާނުން ފޮހެލަން ދަތި އިޚުލާސްތެރި ހަ އަހަރަށްޓަކައި ޝުކުރު އަދާކުރާ ކޮށްފައެވެ.
ދިވެހި ޕްރިމިއަރ ލީގުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމަށްވެސް މީގެ ކުރިން އިރުޝާދު ދީފައިވާ ނިސްތާރު ވަނީ ގްރީން ސްޓްރީޓްސްގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ދެ ސީޒަނެއްގައި ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެެރޭގައި ގްރީން ސްޓްރީޓްސް ހިމެނުނުއިރު، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ތިންވަނަ އެ ޓީމުން ވަނީ ހޯދާފައެވެ.