ENGLISH

21 އޭޕްރީލު 2025

Advertisement

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަނީ އަސްލަށް ރުޖޫއަކުރަން: މަމްދޫހު

09 މާރިޗު 2025

|

އިސްމާއީލް ރާތިއު

އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި މަމްދޫޙް ވާހަކަދައްކަވަނީ

ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކުރަން މަސައްކަތް ކުރަނީ ގާނޫނު އަސާސީ އެކުލަވާލިއިރު އޮތްގޮތަށް ރުޖޫއަކުރަންކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަމްދޫޙް ވިދާޅުވީ، ގާނޫނު އަސާސީ ފުރަތަމަ ވުޖޫދުކުރިއިރު 5 ފަޑިޔާރުން ހިމަނުއްވާފަ ވާނީ އެމަސައްކަތްކުރި ބޭފުޅުން ވަރަށް ގިނަ ކަންކަމަށް ބައްލަވާފަކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އޭރު މިކަން މިގޮތަށް ކުރައްވާފައި އޮންނާނީ ކުރިއަށްވެސް ވަރަށްގިނަ ބެއްލެވުންތަކެއް ބައްލަވާފަ ކަމަށާއި ގާނޫނު އަސާސީ އެކުލަވާލުމުގައި މަސައްކަތް ކުރެއްވި ސިޔާސީ ދާއިރާގެ ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުންވެސް އިއްތިފާގުވެވިފަ އޮތީތީކަމަށް މަމްދޫޙް ވިދާޅުވިއެވެ.  

މަމްދޫޙް ވަނީ ސުޕްރީމް ކޯޓުގެ ބެންޗުގެ ތާރީޚަށް ވަރަށް ފުރިހަމައަށް ބައްލަވާލައްވާފައެވެ. އެގޮތުން، ފެހި ގާނޫނު އަސާސީގެ 282 ވަނަ މާއްދާގެ ހ ގެ ދަށުން ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގެ ބެންޗެއް އެކުލަވާލާފައިވަނީ ފަސް ފަނޑިޔާރުންނާއެކީ 18 ސެޕްޓެމްބަރ 2008 ގައި ކަމަށާއި، މިއަދަދު އެންމެ ފުރަތަމަ 7 އަކަށް ގިނަކުރެވުނީ 10 އޮގަސްޓު 2010 ގައި ފަނޑިޔާރުންގެ ގާނޫނު ވުޖޫދުވުމާއެކު، 21 އޮގަސްޓު 2010 ގައި ކަމަށް މަމްދޫޙް ވިދާޅުވިއެވެ. 11 ޑިސެމްބަރ 2014 ގައި މި ގާނޫނަށް ފުރަތަމަ އިސްލާހު ގެނެވުމާއެކު މި އަދަދު އަލުން 5 އަކަށް މަދުކުރެވިގެންދިޔަ ކަމަށާއި، މިހާރު މި އޮތްގޮތަށް 7 ފަނޑިޔާރުންނަށް އިތުރުކޮށްފައި މިވަނީ ފަނޑިޔާރުންގެ ގާނޫނަށް ގެނެވުނު ތިންވަނަ އިސްލާހާއެކު، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން 2019 ވަނަ އަހަރު ކަމަށާއި، މިކަން ކޮށްފައިވަނީ އޭރު އޮތް ބެންޗު އެއްކޮށް އުވާލާ، މުޅިން އައު ބެންޗެއް ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ކަމަށްވެސް މަމްދޫޙް ވިދާޅުވިއެވެ.

މަމްދޫޙް އިތުރަށް ވިދާޅުވީ މިކަމަކީ ޖުޑީޝަރީގެ ތެރެއަށް އަތް ބާނަން ކުރާ ކަމެކޭ ނުބުނެވޭނެ ކަމަށާއި، އެމްޑީޕީގެ ފަސް އަހަރުގެ ސަރުކާރު ނިމުނު އިރު، އެހެން އެއްވެސް ސަރުކާރަކުން ޖުޑީޝަރީއަށް އަތްބާނާފައި ނުވާވަރަށް، އަތްބާނާފައިވާ ކަމަށެވެ. އެހެންކަމުން، މިސަރުކާރުން އެކަންކުރަން އުޅޭކަމަށް އެމްޑީޕީން ބުނުމަކީ ޖޯކެއްކަމަށް މަމްދޫޙް ވިދާޅުވިއެވެ. އަދި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މިވެރިކަމުގެ ތެރޭގައި ޖުޑީޝަރީގެ ތެރެއަށާއި މަޖިލީހުގެ ތެރެއަށްވެސް އަތް ނުބާނާކަމާއި، ސުޕްރީމް ކޯޓުވެސް މަސައްކަތް ކުރަމުންދަނީ އަމިއްލަ ފުރިހަމަ ބާރާއި އިޚްތިޔާރުގެ ތެރެއިން ކަން އިދިކޮޅުންވެސް ގަބޫލުކުރަން ޖެހޭނެކަމަށް މަމްދޫޙް ވިދާޅުވިއެވެ.

"ދެން އެހެންވީމަ 67 މައްސަލައެއް އެމްޑީޕީގެ ސަރުކާރުގެ ތެރޭގަ އެކި ގޮތްގޮތަށް ތަފާތު ގޮތްގޮތަށް ތަފާތު ފިޔަވަޅު އެޅުމާ، ދަރަޖަ ދަށްކުރުމާ، އަދި ވަކިކުރުމާ، މިފަދަ އެތައް ކަމެއް ހިންގާފަ ތިބި ބަޔަކު މިއަދު ޖުޑީޝަރީގެ ތެރެއަށް އަތްބާނާ ވާހަކަ ދެއްކީމަ އަލުގަނޑުމެންނަށް އެކަން މިވަނީ ހަގީގަތުގަ ޖޯކަކަށް. ހަގީގަތަކީ އެބޭފުޅުންނަށްވެސް ވަރަށް ސާފުވާނެ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މިވެރިކަމުގެ ތެރޭގަ ޖުޑީޝަރީގެ ތެރެއަށް އެއްވެސް ވަރަކަށް ސަރުކާރުގެ ތެރެއިން އަތްނުބާނާކަން،" މަމްދޫޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު