ENGLISH

08 އޭޕްރީލު 2025

Advertisement

އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓުން ސްމިތު ރިޓަޔާކޮށްފި

05 މާރިޗު 2025

|

މުޙައްމަދު އަދުހަމް

އޮސްޓްރޭލިއާގެ ސްމިތު، އިންޑިއާ އާ ދެކޮޅަށް ކުޅެނީ. --ފޮޓޯ: އޭއެފްޕީ / ގެޓީ އިމޭޖަސް

އެންމެ ފަހުގެ އައިސީސީ ޗެމްޕިއަންސް ޓްރޮފީގައި އޮސްޓްރޭލިއާ ޓީމުގެ ކެޕްޓަންކަން ކުރި ސްޓީވެން ސްމިތު، އެއް ދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކޮށްފިއެވެ.

އުމުރުން 35 އަހަރުގެ ސްމިތު އެންމެ ފަހުން ކުޅެފައިވަނީ މިހާރު ކުރިއަށްދާ ޗެމްޕިއަންސް ޓްރޮފީގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން ބަލިވި މެޗުގައެވެ.

މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީގައި އޮސްޓްރޭލިއާގެ ކެޕްޓަނެއްގެ ގޮތުގައި ކުރިން ވެސް އެ މަގާމު އަދާކޮށްފައިވާ ސްމިތު ހަމަޖެއްސީ، މިހާރުގެ ކެޕްޓަން، ޕެޓް ކަމިންސް އަށް އަނިޔާވުމުންނެވެ.

އެއް ދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކުރުމަށްފަހު ސްމިތު ބުނީ، އޭނާ އެ ނިންމުން ނިންމުމާއެކު ކުރިއަށް ދެން އޮތް 2027 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ކުރިން އޮސްޓްރޭލިއާ އެ މުބާރާތަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިގެންދާނެ ކަމަށެވެ.

އޮސްޓްރޭލިއާ އަށް އެއް ދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކުރިއިރު ސްމިތު ވަނީ، ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެއީ، 2015 އާއި 2023 ވަނަ އަހަރު އެވެ.

މިހާރެކޭ އެއްގޮތަށް ޓެސްޓް ކްރިކެޓް ކުޅުން ކުރިއަށްގެންދާނެ ކަމަށާއި، އޭނާގެ ހުރިހާ އަމާޒެއް އޮތީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕް ފައިނަލަށް ކަމަށް ވެސް ސްމިތު ބުންޏެވެ.

ސްމިތު ވަނީ ކުޅުން ހުއްޓާލުމާ ހަމައަށް އޮސްޓްރޭލިއާ އަށް އެއް ދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓުގައި ކުޅެދިން 170 މެޗުގައި 5،800 ލަނޑު ހަދައި، 12 މެޗުގައި ސައްތަ ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު