ENGLISH

22 އޭޕްރީލު 2025

Advertisement

މި އަހަރުގެ ރޯދަމަހު ކޮންމެ ކަސްޓަމަރަކަށް މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެ: ސްޓެލްކޯ

26 ފެބްރުއަރީ 2025

|

އިސްމާއީލް ރާތިއު

ސްޓެލްކޯގެ މައި އޮފީސް-- ފޮޓޯ: ސްޓެލްކޯ

މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ ރޯދަމަހު ލިބޭނީ އެންމެ ކަރަންޓު ބިލެއް ކަމަށާއި، ކޮންމެ ކަސްޓަމަރަކަށް ވެސް މި ބިލުން އެންމެ މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯގެ މައި އިދާރާގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ސަލީމް ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަ މަހު، ރީޑިންގ ނަގާ މުއްދަތު ދެ ބަޔަކަށް ބެހިގެން ދިއުމުން މުޅި ރޯދަ މަހަށް ޑިސްކައުންޓު ނުދެވުނު ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ރޯދަ މަހުގެ ދެ ބިލަށްވެސް ފަހުން ޑިސްކައުންޓު ދެވިފައިވާނެ ކަމަށެވެ.

މިއަހަރު މިފަދަ ކަމެއް ވިޔަ ނުދިނުމަށްޓަކައި ސްޓެލްކޯއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން އެކުންފުނީގެ ސީނިއަރ މެނޭޖަރ ޢަލީ މުޖުޠަބާ މުޙައްމަދު ވިދާޅުވީ ރޯދަމަހަށް ވަކިން ބިލެއް ތައްޔާރުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރޯދަ މަސް ފެށުމުގެ ކުރިން، މާދަމާ އާއި ރޯދަ މަސް ނިމޭދުވަހު އެކުންފުނީގެ 350 މުވައްޒަފުން ނިކުމެ އެއްދުވަހުން ހުރިހާ ގޭބިސިއެއްގެ މީޓަރުތަކުން ރީޑިންގ ނަގާ ނިންމާނެކަމަށް މުޖުޠަބާ ވިދާޅުވިއެވެ. ރޯދަ މަހުގެ ޑިސްކައުންޓު ލިބޭނީ މި ބިލަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯދަމަހުގެ ބިލުގެ ރީޑިންގ ރޯދަމަސް ފެށުމުގެ ކުރިން ނަގާތީ އެކަމާ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދުނަ ނުދެއްވުމަށް، މުޖުޠަބާ ވަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށް މާލީ އެއްވެސް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ރޯދައިގެ ކުރިއަށް ރީޑިންގ ނަގާ މުއްދަތަށް ވެސް ޑިސްކައުންޓް ލިބޭނެތީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ވާނީ ފައިދާކަމަށް އޭނާ ވިދާޅުވިއެވެ.

ރޯދަމަހުގެ ބިލުން ޑިސްކައުންޓު ލިބޭނެ މިންވަރު ހިސާބުކުރާނެ ގޮތް ކިޔައިދެއްވަމުން މުޖުޠަބާ ވިދާޅުވީ މާދަމާއިން ފެށިގެން ރޯދަމަހުގެ ފަހު ދުވަހާ ދެމެދު ނެގޭ ބިލަށް އަރާ މިންވަރާއި އާންމު މަސްމަހުގައި އެގޭބިސީއެއްގެ ބިލަށް އަރާ މިންވަރުގެ ތަފާތު، ޑިސްކައުންޓުގެ ގޮތުގައި ލިބޭނެ ކަމަށެވެ. އަދި މި ތަފާތުގެ ގޮތުގައި މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް މުޖުޠަބާ ވިދާޅުވިއެވެ.

ރީޑިންގ ނެގުމާއި ބިލު ފޯރުކޮށްދިނުމާއި ދޭތެރޭ ގިނަ މުއްދަތެއް ހޭދަވާތީ މިކަމާމެދު އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވާ މުޖުޠަބާ ވިދާޅުވީ މިކަމަކީ ވެސް ބިލަށް ފައިސާދެއްކުމުގައި ރައްޔިތުންނަށް ލުއިކޮށްދިނުމަށް، މުސާރަ ލިބޭ ދުވަސްވަރާ ދިމާކޮށްފައި ބިލު ފޮނުވުމަށް އަމަލުކުރަމުން އައި އުސޫލެއް ކަމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ސްޓެލްކޯއަށް ދޮގު ތުހުމަތުތަކެއް އަމާޒުވަމުންދާތީ ރޯދަމަހުގެ ފަހުން މި އުސޫލު ބަދަލުކުރަން ހަމަޖެހިފައިވާކަ މަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރޯދަމަހުގެ ފަހުން މީޓަރުތަކުން ރީޑިންގ ނަގާނީ މަހުގެ އެންމެ ފަހު ހަފްތާގައި ކަމަށާއި ރީޑިންގ ނަގާ ދުވަސް ނޫން އަނެއް ދުވަހު، އެއްވެސް ލަސްވުމެއް ނެތި ބިލު ލިބޭނެ ކަމަށެވެ. އަދި މިގޮތަށް ބިލު ފޮނުވުމުގައި ވެސް މުސާރަލިބޭ ދުވަސްވަރަށް ބަލާ، ބިލު ދެއްކުމަށްދޭ 10 ދުވަސް ހަމަވާނީ މުސާރަ ލިބޭ ފަހުންކަން ޔަގީންކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޖުޠަބާ ވަނީ ސްޓެލްކޯއިން މާދަމާ ކަރަންޓު މީޓަރުތަކުން ރީޑިންގ ނަގަން ކުރާ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ. ރަސްމީ ގަޑީގައި އެއްވެސް ގޭބިސީއެއްގެ މީޓަރުން ކަރަންޓު ނުނެގޭނެ ނަމަ އެކަން ސްޓެލްކޯގެ ހޮޓްލައިން 1545 އަކަށް ގުޅުއްވާ ހިއްސާކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އަދި މާދަމާގެ އެއްވެސް ވަގުތެއްގައި ސްޓެލްކޯގެ މުވައްޒަފުންނަށް ފިޒިކަލްކޮށް ރީޑިންގ ނެގޭގޮތް ނުވާ ގެއެއް ނަމަ، އެގެއަކުން އަމިއްލައަށް ސްޓެލްކޯއަށް ރީޑިންގ ފޮނުވޭނެ އިންތިޒާމު ވެސް ހަމަޖައްސައިދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޖުޠަބާ އިތުރަށް ވިދާޅުވީ އެއްވެސް ހާލަތެއް މެދުވެރިވެގެން ރޯދަމަހުގެ ބިލުގެ މުއްދަތުގައި ހަމައަށް ރީޑިންގ ނުނެގިއްޖެ ނަމަ، އެގެއެއްގެ ގޭބިސީންނާ މަޝްވަރާކުރުމަށް ފަހު 30 ދުވަހަށް ނުވަތަ 31 ދުވަހަށް ވާވަރަށް ބިލު ތައްޔާރު ކުރެވޭނެ ކަމަށާއި އެއަށްވުރެ އިތުރަށް އެއްވެސް ބޭފުޅަކަށް ބިލު ނުކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު