ENGLISH
22 އޭޕްރީލު 2025
ލާމަރުކަޒީ ދުވަސް: އަޅުގަނޑު ފެށި މަސައްކަތް ހުއްޓުމެއް ނެތި ދާނީ ކުރިޔަށް: ރައީސް
26 ފެބްރުއަރީ 2025
|
ދ. ރިނބުދޫ ކައުންސިލާއި އަންހެނުންންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސް އިއްޔެ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
ލާމަރުކަޒީ ނިޒާމަށް ހަޤީޤީ ބާރުވެރިކަން ހޯދައިދިނުމަށް އެމަނިކުފާން ފެއްޓެވި މަސައްކަތު ހުއްޓުމެއް ނެތި ދާނީ ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ދުވަހާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަށްރަށަށް ދަތުރުކޮށް ކައުންސިލްތަކުގެ އަޑު ސީދާ އަހައި، ރައްޔިތުންނާ ގާތުން ބައްދަލުވެ، ހާލަތު ލޮލުން ދެކި، ލާމަރުކަޒީ ނިޒާމަށް ހަޤީޤީ ބާރުވެރިކަން ދިނުމަށް އެމަނިކުފާން ވެއްޓެވި މަސައްކަތް ހުއްޓުމެއް ނެތި އިރާދަކުރެއްވިއްޔާ ދާނީ ކުރިއަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ލާމަރުކަޒީ ނިޒާމަށް ހަޤީޤީ ބާރުވެރިކަން ހޯދައިދިނުމުގެ ގޮތުން، ރައްޔިތުންނާއި ގާތުން، ރައްޔިތުންނާއި ގުޅިގެން މިހާތަނަށް ސަރުކާރުން މަސައްކަތްކުރެވިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ އެމަނިކުފާނުގެ ވަޢުދާއި އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތުބެއްލެވުމަށާއި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެފަހަރު ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅުތަކެކެވެ.
ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކައުންސިލުތަކުގެ ގާބިލުކަން އިތުރުކޮށް ކައުންސިލުތައް ބާރުވެރިކޮށް ފުދުންތެރި އަދި އިތުބާރު ކުރެވޭ ތަންތަނަށް ހެދުމާއި ކައުންސިލުތަކުގެ މާލިއްޔަތު މުއްސަނދިކުރުމާއި ކައުންސިލު އިދާރާތަކަށް އުމްރާނީ ކުރިއެރުންތައް ހޯދައިދީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މަސައްކަތްކުރާނެ ޖާގަ ފަހިކޮށްދިނުން ކަމަށެވެ.
ލާމަރުކަޒީ ދުވަހަކީ، ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަހަކީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށުން ފާހަގަކުރާ ދުވަހެވެ.