ENGLISH
26 ނޮވެމްބަރު 2024
ޔުނައިޓެޑްގެ ދާއިމީ ކޯޗުގެ މަގާމު ބޭނުން: ނިސްޓެރޫއީ
09 ނޮވެމްބަރު 2024
|
ުުޔުނައިޓެޑް ގެ ވަގުތީ ކޯޗު ނިސްޓެރޫއީ
އެންމެ މަޤްބޫލު
ކޮންމެވެސް ދުވަހަކުން މެންޗެސްޓަރ ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން ކުރަން ބޭނުންވާކަމަށް އެ ޓީމުގެ ވަގުތީ ކޯޗް ރޫޑް ވެން ނިސްޓެރޫއީ ބުނެފިއެވެ.
ވަގުތީ ކޯޗުކަން، ޔުނައިޓެޑްގެ ކުރީގެ ފޯވާޑަށް ހަވާލުކުރީ ކުރީގެ ކޯޗު އެރިކް ޓެން ހަގް، މިދިޔަ މަހު މަގާމުން ވަކި ކުރުމަށްފަހުގައެވެ.
ޓެން ހާގްގެ އެސިސްޓެންޓެއްގެ ގޮތުގައި އޭނާ ޓީމާ ގުޅުނީ ދެ އަހަރުގެ އެއްބަސްވުމުގެ ދަށުން މި ސީޒަން ފެށުމުގެ ކުރިންނެވެ. ޔުނައިޓެޑްގެ ހެޑް ކޯޗަކަށް ވާނީ ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޯރިމް އެވެ. އަމޯރިމް ޔުނައިޓެޑާ ހަވާލު ވަނީ ސްޕޯޓިންގައި ވެސް އޭނާއާ އެކު މަސައްކަތް ކުރާ ކޯޗިން ޓީމާ އެކުއެވެ. ހޯމަ ދުވަހު އަމޯރިމްގެ ޓީމުން ޔުނައިޓެޑާ ހަވާލުވާނެ އެވެ.
ޕީއެސްވީގެ ކޯޗުކަމުގައި ނެދަލެންޑްސް ކަޕް އެ ކްލަބަށް ކާމިޔާބު ކޮށްދިން ނިސްޓެރޫއީ ބުނީ ޔުނައިޓެޑް ފިޔަވައި އެހެން ޓީމެއްގައި އެސިސްޓެންޓް ކޯޗުކަން ކުރަން އޭނާ ބޭނުންނުވާ ކަމަށެވެ. ހެޑް ކޯޗުގެ ގޮތުގައި ކުރިން މަސައްކަތް ކުރުމަށް ފަހު އެސިސްޓެންޓް ކޯޗުގެ ގޮތުގައި ޔުނައިޓެޑަށް އެނބުރި އައީ އެ ކްލަބުގެ ހެޑް ކޯޗުކަން ކޮންމެ ވެސް ދުވަހަކުން ލިބޭނެކަމުގެ އުއްމީދުގައި ކަމަށްވެސް އޭނާ ބުންނެވެ.
"އަހަރެން ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް އަންނަން ނިންމިއިރު ވެސް ވިސްނަމުން އައީ މިކަމަށް،" ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން ކުރަން ބޭނުން ވާކަން ހާމަ ކުރަމުން ނިސްޓެރޫއީ ބުންޏެވެ.
"އަހަރެންގެ ސާފު މަގްސަދަކީ ޔުނައިޓެޑް މެނޭޖް ކުރުން. އަހަރެން ނިންމީ އެސިސްޓެންޓެއްގެ ގޮތުގައި ދެ އަހަރަށް އެއްބަސްވާން. އަހަރެން އަދިވެސް މި ހުރީ އެ މުއްދަތާ ހަމައަށް ކްލަބުގައި މަޑުކުރަން."
ވަގުތީ ކޯޗުކަމުގައި ނިސްޓެރޫއީ އާއެކު ޔުނައިޓެޑުން ވަނީ ތިން މެޗު ކުޅެފައެވެ. އޭގެ ތެރެއިން ދެ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އަނެއް މެޗުން އެއްވަރުވެފައެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން ގްރީސްގެ ޕާއޯކް ބަލިކުރީ އަމަޑް ޑިއާލޯ ދެވަނަ ހާފުގައި ޖަހައިދިން ގޯލުތަކުން 2-0 އިންނެވެ. މިއީ ޔުނައިޓެޑުން އަހަރެއް ފަހުން ޔޫރަޕްގެ މުބާރާތެއްގައި ހޯދި ފުރަތަމަ މޮޅެވެ.
ޔުނައިޓެޑާ އެކު 2026 އާ ހަމައަށް ނިސްޓެރޫއީގެ ކޮންޓްރެކްޓް އޮތް ނަމަވެސް، އާ ހެޑް ކޯޗު ރުބެން އަމޯރިމް ޓީމާ ގުޅޭ އިރު އޭނާގެ އެސިސްޓެންޓް ސްޓާފުން ވެސް ޓީމާ ގުޅޭ ގޮތަށް ހަމަޖެހިފައި ވުމުން ނިސްޓެރޫއީގެ މަގާމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
މާދަމާ ރޭ އޯލްޑް ޓްރަފޯޑްގައި ލެސްޓަ ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗަކީ ވަގުތީ ކޯޗު ކަމުގައި ނިސްޓެރޫއީ ޓީމަށް އިރުޝާދު ދޭނެ ފަހު މެޗަށްވުން އެކަށީގެންވެއެވެ.