ENGLISH

10 އޭޕްރީލު 2025

Advertisement

ހަފްތާއެއްގެ ތެރޭގައި ޗެލްސީ އަތުން ބްރައިޓަން އަށް ދެވަނަ މޮޅު

15 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗަށްފަހު ބްރައިޓަންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާ ވާދަކޮށް 3-0 އިން ބްރައިޓަން މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު ބްރައިޓަން ވަނީ، ހަފްތާއެއްގެ ތެރޭގައި، ޗެލްސީގެ މައްޗަށް ލީގު އަދި ކަޕްގައި ކުޅުނު މެޗުތަކުން ކުރިހޯދައިފިއެވެ. 

މި ދެ ޓީމުން މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި އެފްއޭ ކަޕްގައި ކުޅުނު މެޗު ބްރައިޓަން ކާމިޔާބުކުރީ 2-1 އިންނެވެ.

މިއީ ޗެލްސީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ތިންވަނަ ފަހަރެވެ. މީގެތެރެއިން ދެ މެޗުން ބަލިވީ ލީގުގައެވެ. އަނެއްކޮޅުން، މިއީ މިދިޔަ ނޮވެންބަރު މަހުގެ 9 ވަނަ ދުވަހުގެ ފަހުން ލީގުގައި އަމިއްލަ ދަނޑުގައި ބްރައިޓަން މޮޅުވި ފުރަތަމަ ފަހަރު ވެސް މެއެވެ.

ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމު ލީޑު ނެގީ ޖަޕާންގެ ވިންގް، ކައޮރޫ މިޓޯމާ އެވެ.

އޭގެފަހުން، ފުރަތަމަ ހާފުގެ ފަހުބައިގަ އާއި ދެވަނަ ހާފުގައި ޔަންކޫބާ މިންޓެ ވައްދާލި ލަނޑުތަކުން ބްރައިޓަން ވަނީ ފުރިހަމަ މޮޅެއް ހޯދައިފައެވެ.

މި މެޗުން ބަލިވި ނަމަވެސް، ޗެލްސީ އަދިވެސް އޮތީ ތާވަލްގެ ހަތަރު ވަނައިގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

މި މޮޅާއެކު، ބްރައިޓަން ވަނީ 8 ވަނަ އަށް ކުރިއަށް ޖެހިލައިފައެވެ. އެ ޓީމަށް ލިބިފައިވަނީ 37 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު