ENGLISH
10 އޭޕްރީލު 2025
އޮސްޓްރޭލިއާ ބަލިކޮށް ލަންކާ އިން ވަންޑޭ ސީރީޒް ކާމިޔާބުކޮށްފި
14 ފެބްރުއަރީ 2025
|
ލަންކާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ / ގެޓީ އިމޭޖަސް
ކުސާލް މެންޑިސް ހެދި ސައްތައާ އެކު ސްރީ ލަންކާ އިން ބޮޑު ތަފާތަކުން އޮސްޓްރޭލިއާ ބަލިކޮށް، އެއް ދުވަހުގެ ބައިނަލްއަގުވާމީ ސީރީޒް ކާމިޔާބުކޮށްފިއެވެ.
މި މެޗުން ލަންކާ މޮޅުވީ 174 ލަނޑުންނެވެ. މިއާއެކު، ލަންކާ އިން ވަނީ ދެ މެޗުގެ ސީރީޒް 2-0 އިން ކާމިޔާބުކޮށްފައެވެ.
ކޮލަމްބޯގައި ހުންނަ އާރް ޕްރެމަދާސާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ލަންކާ އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި ހަތަރު ވިކެޓަށް 281 ލަނޑު ހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 101 ލަނޑު ހެދި ވިކެޓްކީޕަރު ބެޓްސްމަން، ކުސާލް މެންޑިސް އެވެ. މީގެއިތުރުން، އެ ޓީމުގެ ކެޕްޓަން، ޗަރިތު އަސަލަންކާ ވަނީ 66 ބޯޅައިން 78 ލަނޑު ހަދައިފައެވެ.
އޮސްޓްރޭލިއާ އިން ކުޅެން ނުކުމެ 24.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 107 ލަނޑަށެވެ. އެ ޓީމުގެ ކެޕްޓަން، ސްޓީވެން ސްމިތު 29 ލަނޑު ހެދިއިރު، ޖޯޝް އިންގްލިސް ނުބައިވީ 22 ލަނޑަށެވެ. މި އިނިންގްސްގައި ލަންކާގެ ސްޕިން ބޯލަރު، ދުނިތު ވެލަލާގޭ ހަތަރު ވިކެޓް ނެގިއިރު، އަސިތަ ފެނާންޑޯ އާއި ވަނިންދު ހަސަރަންގާ ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓް ނެގިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލަންކާގެ ކުސާލް މެންޑިސް އެވެ.
ދެ ޓީމުގެ މެދުގައި ކުރިއަށްދިޔަ ދެ މެޗުގެ ވަންޑޭ ސީރީޒްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ލަންކާގެ ކެޕްޓަން، ޗަރިތު އަސަލަންކާ އެވެ. އޭނާ ވަނީ ދެ މެޗުގައި މުޅިއެކު 205 ލަނޑު ހަދައިފައެވެ.