ENGLISH

11 އޭޕްރީލު 2025

Advertisement

ޝޫޓިންގައި އީޝަލް އަށް ތާރީޚީ ރިހި މެޑެއްޔެއް

13 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

އީޝަލް، ރިހި މެޑެއްޔާއެކު ދިވެހި ދިދަ ހިފައިގެން. --ފޮޓޯ: ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ތައިލެންޑްގައި މިހާރު ކުރިއަށްދާ އޭޝިއަން ރައިފަލް އެންޑް ޕިސްޓޯލް ކަޕްގެ ޖޫނިއާ ކެޓަގަރީން ރާއްޖޭގެ މަރިޔަމް އީޝަލް މިސްބާހު ތާރީޚީ ރިހި މެޑެއްޔެއް ހޯދައިފިއެވެ.

މިއީ ރާއްޖޭގެ ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި ވެސް އޭޝިއާ ބައްރުގެ މުބާރާތެއްގައި ފައިނަލަށް ދަތުރުކޮށް، ރިހި މެޑެލް ހާސިލްކުރި ފުރަތަމަ ފަހަރެވެ.

ބެންކޮކްގައި ކުރިއަށްދިޔަ މި އިވެންޓްގެ ފައިނަލުގައި އީޝަލް އަތުން ޗައިނީޒް ޓައިޕޭގެ ލިއާއޯ ކެ ރޮންގް މޮޅުވީ ވަރަށް ކުޑަ ތަފާތަކުންނެވެ. މި ކެޓަގަރީން ރަން މެޑެލް ހޯދީ ލިއާއޯ ކެ ރޮންގް އަށް ލިބުނީ 231.2 ޕޮއިންޓްގެ ސްކޯރ އެކެވެ. އީޝަލް ދެވަނަ އަށް ދިޔައީ 229.2 ޕޮއިންޓްގެ ސްކޯރ އަކާއެކު އެވެ.

މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުން އަންނަ އުމުރުން 15 އަހަރުގެ އީޝަލް ވަނީ މި ފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުގެ ކުރިން ޤައުމީ ރެކޯޑެއް ޤާއިމުކޮށްފައެވެ. އެއީ، 561 ޕޮއިންޓްގެ ސްކޯރއެއް ހޯދައިގެންނެވެ.

މިއީ އޭޝިއާ ބައްރުގެ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ރާއްޖޭގެ އެތުލީޓަކަށް ލިބުނު ފުރަތަމަ މެޑެލްއެވެ. މި މުބާރާތުގައި މި ބައްރުގެ 23 ޤައުމުން ވާދަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު
14 ފެބްރުއަރީ 2025

ސަޒޫ ·

އަޅުގަނޑުމެން ބަލަން މި ތިބީ ތިވަރު ކާމިޔާބީއެއް ހޯދީމަ ރިއެކްޓް ކުރާވަރު، ޓީޓީ ހޯދީ މިއަށްވުރެ ލެވެލް ދަށް މުބާރާތަކުން ރަންމެޑަލް. އޭޝަިއާ ލެވެލް ވީމަ ވަރަށް މޮޅު. މަރުޚަބާ ޝޫޓިން ދަރިވަރު އީޝަލް.