ENGLISH
10 އޭޕްރީލު 2025
ލިވަޕޫލާއި އެވަޓަން މެޗު އެއްވަރު
13 ފެބްރުއަރީ 2025
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އެވަޓަންގެ ޓާކޯވްސްކީ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އެވަޓަންގެ މިހާރުގެ ދަނޑު، ގުޑިސަން ޕާކުގައި ކުޅޭނެ އެންމެ ފަހު 'މާސީސައިޑް ޑާބީ' ގައި ރޭ ލިވަޕޫލާ ދެކޮޅަށް އެވަޓަން ކުޅުނު މެޗު 2-2 އިން އެއްވަރު ވެއްޖެއެވެ.
މިއީ މި ދެ ޓީމުގެ މެދުގައި އެވަޓަންގެ ދަނޑުގައި ކުޅުނު 120 ވަނަ މެޗެވެ. މީގެތެރެއިން، ކޮންމެ ޓީމަކުން 41 މެޗުން މޮޅުވެފައިވާއިރު، 38 މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ރޭގެ މެޗު ފެށިގެން 11 ވަނަ މިނެޓުގައި އެވަޓަން އަށް ލީޑު ނަގައިދިނީ ބެޓޯ އެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓުގެ ތެރޭގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ އަލެކްސިސް މެކްއެލިސްޓާ އެވެ. އޭނާ މި ލަނޑުޖެހީ މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު ނަގައިދިން ހުރަހެއް ބޮލުން ފޮނުވާލައިގެންނެވެ. މި ގޯލާއެކު ދެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ލިވަޕޫލަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ސަލާހު އެވެ. މިއީ ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގަ އުޅޭ ސަލާހު ކާމިޔާބުކޮށްދިން 22 ވަނަ ގޯލެވެ.
މި ނަތީޖާގައި އޮވެ، މެޗު ނިމެންދަނިކޮށް، އިތުރުވަގުތުގެ 8 ވަނަ މިނެޓުގައި އެވަޓަން އަށް އެއްވަރުކޮށްދިނީ ޖޭމްސް ޓާކޯވްސްކީ އެވެ. އޭގެފަހުން، ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ލިވަޕޫލްގެ ކާޓިސް ޖޯންސް އާއި އެވަޓަންގެ އަބްދޫލާޔޭ ޑުކޫރޭ އަށް ވަނީ ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މީގެއިތުރުން، ލިވަޕޫލްގެ ކޯޗު، އާނޭ ސްލޮޓް އަށް ވެސް ވަނީ ރަތް ކާޑު ދައްކައިފައެވެ.
މި ނަތީޖާއާއެކު، ލިވަޕޫލުން ވަނީ ލީގުގެ ކުރީގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ލިވަޕޫލަށް 24 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 50 ޕޮއިންޓެވެ. ތިން ޕޮއިންޓް ފަހަތުން ނޮޓިންގހަމް ފޮރެސްޓް އޮތީ ތިންވަނައިގައެވެ.
އެވަޓަން އޮތީ ތާވަލްގެ 15 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.