ENGLISH
11 އޭޕްރީލު 2025
އޮސްޓްރޭލިއާގެ ސްޓާކް، ޗެމްޕިއަންސް ޓްރޮފީގައި ނުކުޅެން ނިންމައިފި
12 ފެބްރުއަރީ 2025
|
އޮސްޓްރޭލިއާގެ އުކުންތެރިޔާ، ސްޓާކް. --ފޮޓޯ: ގެޓީ އިމޭޖަސް
އޮސްޓްރޭލިއާގެ އުކުންތެރިޔާ، މިޗޭލް ސްޓާކް، ކުރިއަށް އޮތް ޗެމްޕިއަންސް ޓްރޮފީގައި ނުކުޅެން ނިންމައިފިއެވެ.
އުމުރުން 35 އަހަރުގެ ސްޓާކްގެ އިތުރުން, އަނިޔާގެ ސަބަބުން މި ފަހަރުގެ މުބާރާތުގައި ނުފެންނާނެ ކުޅުންތެރިންގެ ތެރޭގައި އޮސްޓްރޭލިއާގެ ކެޕްޓަން، ޕެޓް ކަމިންސް، ޖޯޝް ހޭޒަލްވުޑް އާއި މިޗޭލް މާޝް ހިމެނެއެވެ.
ސްޓާކްގެ މި ނިންމުމަށް އިހުތިރާމްކުރާ ކަމަށް އޮސްޓްރޭލިއާގެ ޗެއަރ ސެލެކްޓަރ، ޖޯޖް ބެއިލީ ވަނީ ބުނެފައެވެ.
މިދިޔަ އަހަރުތަކުގައި ކްރިކެޓްގެ ހުރިހާ ފޯމެޓެއްގައި އޮސްޓްރޭލިއާގެ ޓީމަށް މޮޅު ކުޅުމެއްދައްކާފައިވާ ސްޓާކް، ކުރިއަށް އޮތް މުބާރާތުގައި ނުކުޅެން ނިންމި ސަބަބެއް މިހާތަނަށްއައިއިރު ހާމަކޮށްފައެއް ނުވެއެވެ.
އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓްގައި ކުޅުނު 127 މެޗުގައި 244 ވިކެޓް ނަގައިފައިވާ ސްޓާކް ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މި އަހަރުގެ ފެބުރުއަރީއާ ދެމެދު ސްރީ ލަންކާ އާއި އިންޑިއާ އާއެކު އޮސްޓްރޭލިއާ އިން ކުޅުނު ހުރިހާ ޓެސްޓް މެޗެއްގައި ކުޅުނު މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
ބައިނަލްއަގުވާމީ ކްރިކެޓަށް ސްޓާކް ދޭ އިސްކަމާއި، އަހައްމިއްޔަތު ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި، އޭނާ އަކީ އެންމެންގެ އިހުތިރާމާއި ލޯބި ލިބިފައިވާ ކުޅުންތެރިއެއް ކަމަށްވެސް ބެއިލީ ބުނެފައިވެއެވެ.
މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އުކުންތެރިންގެ ތެރޭގައި ހިމެނޭ ސްޓާކް ކުރިއަށް އޮތް ޗެމްޕިއަންސް ޓްރޮފީގައި ނުކުޅެން ނިންމުމާއެކު، އޮސްޓްރޭލިއާ ޓީމުގައި ހިމެނޭ ތަޖުރިބާ މަދު ފާސްޓް ބޯލަރުންގެ ގޮތުގައި ތިބި ކުޅުންތެރިންނަކީ، ސްޕެންސާ ޖޯންސަން، ނޭތަން އެލިސް، ޝޯން އެބޮޓް އަދި ބެން ޑްވާޝުއިޒް އެވެ.
ބެއިލީ އިތުރަށް ބުނީ، ސްޓާކް ނެތުމަކީ ޗެމްޕިއަންސް ޓްރޮފީގައި ވާދަކުރާ އޮސްޓްރޭލިއާ ޓީމަށް ލިބިގެންދިޔަ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށާއި، އެހެންނަމަވެސް އެކަމުގެ ސަބަބުން އެހެން ކުޅުންތެރިއަކަށް މުބާރާތުގައި ވިދާލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
މި ފަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން ކަމިންސް އަށް ނުކުޅެވޭތީވެ، ކުރީގެ ކެޕްޓަން، ސްޓީވް ސްމިތު ވަނީ އެ މަސްޢޫލިއްޔަތާ އަނެއްކާވެސް ހަވާލުވެފައެވެ. މި އަހަރުގެ ޗެމްޕިއަންސް ޓްރޮފީގައި ނުފެންނާނެ އިތުރު ކުޅުންތެރިންގެ ތެރޭގައި ދާދިފަހުން އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކުރި މާކަސް ސްޓޮއިނިސް ހިމެނެއެވެ.
މި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ތާވަލްކޮށްފައިވާ ޗެމްޕިއަންސް ޓްރޮފީ މުބާރާތުގައި އޮސްޓްރޭލިއާ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި މި މަހުގެ 22 ވާ ހޮނިހިރު ދުވަހު ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.