ENGLISH
10 އޭޕްރީލު 2025
އިންޓަރ އޮފީސް ބިލިއާޑް މުބާރާތް: ސިންގަލްސް ޗެމްޕިއަންކަން ޝާޒް އާއި ފަގީހާ އަށް
11 ފެބްރުއަރީ 2025
|
މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޝާޒް (ވ) އާއި ފަގީހާ. --ފޮޓޯ: އެމްބީޕީއޭ
ބާރަ ވަނަ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ސިންގަލްސް އިވެންޓްގެ ޗެމްޕިއަނުން ކަށަވަރުވެއްޖެއެވެ.
މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އެމްޕީއެލްގެ ހަސަން ޝާޒް މުޙައްމަދު ހޯދިއިރު، އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ރައީސް އޮފީހުގެ ފަގީހާ އިބްރާހިމް އެވެ. ދެވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފްގެ ހުސެއިން ސާޖިދުﷲ އެވެ.
ޤައުމީ ބިލިއާޑް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ޔޫސުފް ޒުބައިރު އަތުން އެމްޕީއެލްގެ ޝާޒް މޮޅުވީ 9-5 ފްރޭމުންނެވެ.
އަންހެން ސިންގަލްސް ފައިނަލުގައި ރައީސް އޮފީހުގެ ފަގީހާ ވަނީ ކަސްޓަމްސްގެ އައިޝަތު ޔަޝްފާ އަތުން 5-1 ފްރޭމުން މެޗު ކާމިޔާބުކޮށްފައެވެ.
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ސާޖިދުﷲ ހޯދީ ފައިނަލުގައި 7-3 ފްރޭމުން ދިރާގުގެ ހުސައިން ޝިމާލް ބަލިކޮށްފައެވެ.
މުޅިއެކު 13 އޮފީހަކުން ބައިވެރިވެފައިވާ މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.
މުބާރާތުގައި ދެން އޮންނާނީ ޓީމް އިވެންޓްގެ މެޗުތަކެވެ. މި އިވެންޓްގެ މެޗުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ޓީމު އިވެންޓްގެ ފައިނަލު މެޗު ތާވަލްކޮށްފައިވަނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހަށެވެ.