ENGLISH
10 އޭޕްރީލު 2025
އިންޓަރ މޮޅުވެ، ނަޕޯލީއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި
11 ފެބްރުއަރީ 2025
|
މެޗަށްފަހު އިންޓަރގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 1-2 އިން އިންޓަރ މޮޅުވެ، ތާވަލްގެ ކުރީގައި އުޅޭ ނަޕޯލީއާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަކޮށްފިއެވެ.
މިއީ މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި މި ދެ ޓީމުގެ މެދުގައި ލީގުގައި ކުޅުނު ދެވަނަ މެޗެވެ. ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 3-0 އިންނެވެ. އެއީ، މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް މެޗެކެވެ. އެ މެޗުގެ ފުރަތަމަ 17 މިނެޓަށް ފަހު ފިއޮރެންޓީނާގެ އެޑޮއާޑޯ ބޯވޭ ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެން ވަނީ މެޗު ހުއްޓާލައިފައެވެ.
އިންޓަރގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑު ނެގީ ފިއޮރެންޓީނާގެ މަރިން ޕޮންގްރާޗިޗް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ފިއޮރެންޓިނާ އަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ރޮލާންޑޯ މަންޑްރަގޯރާ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، އިންޓަރ މޮޅުކޮށްދިނީ ކާލޯސް އަގުސްޓޯ ނަގައިދިން ހުރަހެއްގެ އެހީގައި މާކޯ އާނައުޓޮވިޗް ބޮލުން ވައްދާލި ލަނޑުންނެވެ.
މި މޮޅާއެކު، ދެވަނައިގައި އޮތް އިންޓަރ ވަނީ 24 މެޗުން 54 ޕޮއިންޓް ހަމަކޮށްފައެވެ. އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ނަޕޯލީ އޮތީ އެއްވަނައިގައެވެ. އެޓަލާންޓާ އޮތީ 50 ޕޮއިންޓާ އެކު ތިންވަނައިގައެވެ.
މި މެޗުން ބަލިވި ފިއޮރެންޓީނާ އޮތީ ހަވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 42 ޕޮއިންޓެވެ.