ENGLISH
10 އޭޕްރީލު 2025
ނިއު ޒީލަންޑް އަތުން ދެކުނު އެފްރިކާ ބަލިވިއިރު ބްރީޓްޒްކޭ އަށް ރެކޯޑެއް
11 ފެބްރުއަރީ 2025
|
ދެކުނު އެފްރިކާގެ ބްރީޓްޒްކޭ ބެޓްކުރަނީ. --ފޮޓޯ: ރޮއިޓާސް
އެއް ދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓްގެ ޓްރައި-ސީރީޒްގައި ނިއު ޒީލަންޑް އަތުން ހަ ވިކެޓުން ދެކުނު އެފްރިކާ ބަލިވެއްޖެއެވެ.
ޕާކިސްތާންގެ ލާހޯރުގައި ތިން ޓީމުގެ މެދުގައި ކުރިއަށްދާ ޓްރައި-ސީރީޒްގައި އިއްޔެ ކުޅުނު މެޗުގައި ދެކުނު އެފްރިކާގެ މެތިއު ބްރީޓްޒްކޭ ވަނީ ރެކޯޑެއް ޤާއިމުކޮށްފައެވެ.
ގައްޒާފީ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ނިއު ޒީލަންޑް ގަސްދުކުރީ ހޮވަން އަރާށެވެ. ދެކުނު އެފްރިކާ އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި ހަ ވިކެޓަށް 304 ލަނޑު ހެދިއެވެ.
މި އިނިންގްސްގައި ދެކުނު އެފްރިކާގެ ބްރީޓްޒްކޭ ވަނީ 148 ބޯޅައިން 150 ލަނޑު ހަދައިފައެވެ. މިއާއެކު، އޭނާ ވަނީ ޤައުމީ ޓީމަށް އަލަށް ކުޅުނު މެޗެއްގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އެ ޓީމު ދެން އެންމެ ރަނގަޅަށް ކުޅުނު ވިއާން މަލްޑާ ވަނީ 64 ލަނޑު ހަދައިފައެވެ. ނިއު ޒީލަންޑްގެ މެޓް ހެންރީ އާއި ވިލް އޯ'ރޯކޭ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.
ޖަވާބުގައި ނިއު ޒީލަންޑުން ކުޅެން އަރައި، ބާކީ 8 ބޯޅަ އޮއްވަ، މޮޅުވެގެން ފޭބީ 48.4 އޯވަރުގެ ތެރޭގައި ހަތަރު ވިކެޓަށް 308 ލަނޑު ހަދައިގެންނެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކޭން ވިލިއަމްސަން އެވެ. ވިލިއަމްސަން ވަނީ ނުބައިނުވެ 113 ބޯޅައިން 133 ލަނޑު ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 97 ލަނޑު ހެދި ޑެވޮން ކޮންވޭ އެވެ.
މި މޮޅާއެކު ނިއު ޒީލަންޑުން ވަނީ ޕާކިސްތާންގައި ކުރިއަށްދާ ޓްރައި-ސީރީޒްގެ ފައިނަލުން ޖާގަ ހޯދައިފައެވެ. އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލުގެ އަނެއް ޖާގަ ލިބޭނީ މާދަމާ ދެކުނު އެފްރިކާއާ ޕާކިސްތާން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.