ENGLISH

11 އޭޕްރީލު 2025

Advertisement

ރެއާލްގެ ވަޒްކޭޒަށް އަނިޔާވެ، މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުޅެވޭނެ

10 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރެއާލްގެ ލޫކަސް ވަޒްކޭޒް. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ލޫކަސް ވަޒްކޭޒަށް ނުކުޅެވޭނެ ކަމަށް ރެއާލް މެޑްރިޑުން ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ވަޒްކޭޒަށް ލިބިފައިވާ އަނިޔާއާ ގުޅޭގޮތުން ރެއާލުން ބުނީ، އޭނާގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ސިޓީއާ ދެކޮޅަށް މާދަމާ ރޭ ރެއާލް ކުޅުމަށް ހަމަޖެހިފައިވާ މެޗު ގެއްލޭނެ ކަމަށެވެ.

ރެއާލް އިން ބުނީ، ލީގުގައި އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ހެދި މެޑިކަލް ޓެސްޓުތަކުން ވަޒްކޭޒްގެ ވާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި، މި އަނިޔާގެ ސަބަބުން އެންމެ މަދުވެގެން ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ ޕްލޭ-އޮފް މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށެވެ.

މިއާއެކު، އެ ދެ ޓީމުގެ މެޗުގައި ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ ލެގުގެ މެޗަށް މެންޗެސްޓަރ އަށް ދަތުރުކުރާ ރެއާލްގެ ސްކޮޑުގައި އެ ޓީމުގެ ވައިސް ކެޕްޓަންކަން ކުރަމުންއަންނަ ވަޒްކޭޒް ނުހިމެނޭނެ ކަމަށް ވެސް ރެއާލުން ބުނެފައިވެއެވެ.

އެންމެ ފަހުގެ ސްޕެނިޝް ލީގުގެ އިތުރުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ރެއާލަށް މި އަހަރުގެ ސީޒަނުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ.

ކާލޯ އަންޗެލޮޓީގެ ރެއާލް ޓީމުގައި މިވަގުތު ވެސް އަނިޔާގައި މުހިއްމު ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އޭގެތެރޭގައި، ޑިފެންސްގެ މުހިއްމު ކުޅުންތެރިން ކަމަށްވާ، ޑަނީ ކާވަހާލް، އެންޓޯނިއޯ ރުޑިގާ އާއި ޑޭވިޑް އަލަބާ އަދި އެޑާ މިލިޓާއޯ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު