ENGLISH
10 އޭޕްރީލު 2025
ރޯހިތުގެ ސައްތައާ އެކު އިންގްލެންޑް ބަލިކޮށް އިންޑިއާ އިން ވަންޑޭ ސީރީޒް ކާމިޔާބުކޮށްފި
10 ފެބްރުއަރީ 2025
|
ސައްތަ ހެދުމަށްފަހު އިންޑިއާގެ ކެޕްޓަން، ރޯހިތު ޝަރްމާ ބެޓް އުފުލާލަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
ދެވަނަ މެޗުގައި ހަތަރު ވިކެޓުން އިންގްލެންޑް ބަލިކޮށް، އިންޑިއާ އިން ވަންޑޭ ސީރީޒް ކާމިޔާބުކޮށްފިއެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުނު އެއްދުވަހުގެ ބައިނަލްއަޤުވާމީ ކްރިކެޓްގެ ފުރަތަމަ މެޗު ވެސް އިންޑިއާ ކާމިޔާބުކުރީ ހަތަރު ވިކެޓުންނެވެ.
ކަޓަކްގައި ހުންނަ ބަރަބަތީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ކުޅެން އަރައި، 49.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 304 ލަނޑަށެވެ.
އިންގްލެންޑުން އެންމެ ރަނގަޅަށް ކުޅުނީ ޖޯ ރޫޓް އާއި ބެން ޑަކެޓް އެވެ. ޖޯ ރޫޓް ވަނީ 69 ލަނޑު ހަދައިފައެވެ. ބެން ޑަކެޓް ނުބައިވީ 65 ލަނޑަށެވެ. މި އިނިންގްސްގައި އިންޑިއާ އިން އެންމެ ރަނގަޅަށް އުކީ ތިން ވިކެޓް ނެގި ރަވިންދްރަ ޖަދޭޖާ އެވެ.
އިންޑިއާ އިން ކުޅެން އަރައި، 44.3 އޯވަރުގެ ތެރޭގައި މޮޅުވެގެން ފޭބީ ހަ ވިކެޓަށް 308 ލަނޑު ހަދައިފައެވެ. އިންޑިއާ އަށް މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ކެޕްޓަން، ރޯހިތު ޝަރްމާ އެވެ. ރޯހިތު ވަނީ 90 ބޯޅައިން 119 ލަނޑު ހަދައިފައެވެ. މިއީ މިދިޔަ 11 މަސްދުވަހުގެ ތެރޭގައި އިންޑިއާގެ ޖާޒީގައި ރޯހިތުގެ ފަރާތުން ފެނުނު ފުރަތަމަ ސައްތަ އެވެ. އިންޑިއާ އިން ދެން އެންމެ ރަނގަޅަށް ކުޅުނު ޝުބްމަން ގިލް ނުބައިވީ 60 ލަނޑަށެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންޑިއާގެ ކެޕްޓަން، ރޯހިތު އެވެ.
އިންޑިއާ އާއި އިންގްލެންޑް އިން ކުޅެން ހަމަޖެހިފައިވާ ތިންވަނަ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. މި މެޗު ކުޅޭނީ އިންޑިއާގެ އަހުމަދުއާބާދުގަ އެވެ.