ENGLISH
18 އޭޕްރީލު 2025
އުދިނޭޒީ އަތުން ވެސް ނަޕޯލީ މޮޅެއް ނުވި
10 ފެބްރުއަރީ 2025
|
އުދިނޭޒީއާ ދެކޮޅަށް ނަޕޯލީ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިޓާލިއަން ލީގުގައި އުދިނޭޒީ އާއި ނަޕޯލީ ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
މިއީ ލީގުގައި ނަޕޯލީ ޖެހިޖެހިގެން އެއްވަރުވި ދެވަނަ މެޗެވެ. އެންމެ ފަހުން ރޯމާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ވެސް 1-1 އިން އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު، ނަޕޯލީ އަދިވެސް އުޅެނީ އެއްވަނައިގައެވެ. ނަޕޯލީ އަށް 24 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އިންޓަރ މިލާނެވެ. ތިންވަނައިގައި އޮތް އެޓަލާންޓާ އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.
ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ދެ ޓީމަށް ވެސް ލީޑު ނަގަން ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެފައިވާއިރު، ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ނަޕޯލީން ލީޑު ނެގީ ސްކޮޓް މެކްޓޮމިނޭ ވައްދާލި ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން، އުދިނޭޒީ އަށް އެއްވަރުކޮށްދިނީ ޔާގެން އެކެލެންކެމްޕް އެވެ.
މެޗުގެ ފަހު ހާފު އުދިނޭޒީން ޑޮމިނޭޓްކުރިއިރު، އެ ޓީމަށް ލަނޑެއް ޖަހައިދޭން ސަންޑީ ލޮވްރިޗް އާއި ލޮރެންޒޯ ލޫކާ އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުމެއް ނުހިފުނެވެ. ނަޕޯލީގެ އެންމެ ރަނގަޅު ކުޅުން ދެއްކޭގޮތްނުވެ، އެ ޓީމުގެ ރޮމެލޫ ލުކާކޫ އާއި ޑޭވިޑް ނެރޭސް ފޮނުވާލި ބޯޅަތަކުގައި ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ލާޒިއޯގެ ދަނޑުގައި އެ ޓީމުން ވަނީ 5-1 ގެ ތަފާތަކުން މޮންޒާ ބަލިކޮށްފައެވެ. ވެނެޒިއާގެ ދަނޑުގައި އެ ޓީމު އަތުން ރޯމާ މޮޅުވީ 1-0 އިންނެވެ.