ENGLISH
18 އޭޕްރީލު 2025
ސެވިއްޔާ ބަލިކޮށް ބާސާ އިން ލީގު ރޭހުގައި ކުރިއަށް
10 ފެބްރުއަރީ 2025
|
ސެވިއްޔާއާ ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ސެވިއްޔާ އަތުން 4-1 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލްގެ ކުރީގައި އުޅޭ ޓީމުތަކާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.
މި މޮޅާއެކު، ބާސެލޯނާ ވަނީ ރެއާލާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ރެއާލް އެއްވަނައިގައި އޮތީ 23 މެޗުން 50 ޕޮއިންޓް ހަމަކޮށްގެންނެވެ. އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު، ބާސެލޯނާ ތިންވަނައިގައި އޮތީ 48 ޕޮއިންޓް ހޯދައިގެންނެވެ.
ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ރޮބަޓް ލެވަންޑޯސްކީގެ ގޯލުން ބާސެލޯނާ ލީޑު ނެގިއިރު، އޭގެ މިނެޓެއްފަހުން ސެވިއްޔާ އަށް އެއްވަރުކޮށްދިނީ ސްވިޒަލެންޑްގެ ވިންގް، ރުބެން ވާގަސް އެވެ. މި ގޯލާއެކު ދެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި ބާސެލޯނާ އަށް އަލުން ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފާމިން ލޮޕޭޒް އެވެ. އޭގެފަހުން، މެޗުގެ 55 ވަނަ މިނެޓުގައި ބާސެލޯނާގެ ކެޕްޓަން، ރަފީނިއާގެ ގޯލާއެކު އެ ޓީމުން ލީޑު ފުޅާކުރިއެވެ.
ބާސެލޯނާގެ ތިންވަނަ ލަނޑުޖެހިތާ މާގިނައިރުތަކެއްނުވަނީސް ފާމިން ލޮޕޭޒް އަށް ވަނީ ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ލޮޕޭޒް އަށް ރަތް ކާޑު ދެއްކީ ސެވިއްޔާގެ ޖިބްރީލް ސޯ އަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ. މިއާއެކު، އެ ޓީމުން މެޗުގެ ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ.
މެޗުގައި ބާސެލޯނާ އިން ޖެހި ހަތަރުވަނަ ލަނޑު، 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ޑިފެންޑަރު، އެރިކް ގާސިއާ އެވެ.
މި މެޗުން ބަލިވި ސެވިއްޔާ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ނިންމާލީ މޮޅެއްނުލިބިއެވެ. އެ ޓީމަށް 28 ޕޮއިންޓާއެކު ލިބިފައިވަނީ 13 ވަނައެވެ.