ENGLISH
18 އޭޕްރީލު 2025
ރެޓޭގީގެ ލަނޑުތަކުން އެޓަލާންޓާ އަށް ބޮޑު މޮޅެއް
09 ފެބްރުއަރީ 2025
|
އެޓަލާންޓާ އަށް ލަނޑުޖަހައިދިނުމަށްފަހު ރެޓޭގީ އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ހެލާސް ވެރޯނާ އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެޓަލާންޓާ މޮޅުވެއްޖެއެވެ.
މި މެޗަށް ނުކުތްއިރު ލީގުގައި އެޓަލާންޓާ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އޭގެކުރީން، އެ ޓީމުން ވަނީ ލީގުގައި ވިދިވިދިގެން 11 މެޗު ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާ އެކު، އެޓަލާންޓާ އޮތީ ތިންވަނައިގައެވެ. އެ ޓީމަށް 24 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. އޭގެ އެއް ޕޮއިންޓް ކުރީގައި އިންޓަރ މިލާން އޮތްއިރު، އެންމެ ކުރީގައި އުޅޭ ނަޕޯލީ އަށް ލިބިފައި ވަނީ 54 ޕޮއިންޓެވެ. މި ދެ ޓީމަށް މި ޢަދަދަށް ޕޮއިންޓް ލިބިފައިވަނީ އެއް މެޗު މަދުން ކުޅެގެންނެވެ.
މި މެޗުން ބަލިވި ވެރޯނާ އޮތީ ތާވަލްގެ 14 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.
އެމްޕޯލީއާ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭސީ މިލާން
ވެރޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓަލާންޓާ އިން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ގޯލްޖަހައިދިނީ އިޓަލީގެ ފޯވާޑް، މަޓެއޯ ރެޓޭގީ އެވެ. މިއާއެކު، ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގަ ރެޓޭގީ އުޅެނީ 20 ގޯލާއެކު އެވެ. ރޭގެ މެޗުގައި އެޓަލާންޓާގެ އަނެއް ލަނޑުޖަހައިދިނީ އެޑާސަން އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އޭސީ މިލާނުން ވަނީ ރަށުން ބޭރުގައި 2-0 އިން އެމްޕޯލީ ބަލިކޮށްފައެވެ. އެ ޓީމުން ޖެހި ދެލަނޑު ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. މިލާންގެ ލަނޑުތައް ޖަހައިދިނީ ރަފައެލް ލެއާއޯ އާއި ސަންޓިއާގޯ ގިމެނޭޒް އެވެ.
ފަހު ހާފުގައި މިލާންގެ ފިކަޔޯ ޓޮމޯރީ އާއި އެމްޕޯލީގެ ލޫކާ މަރިއަނުޗީ އަށް ސީދާ ރަތް ކާޑު ދެއްކުމުން ދެ ޓީމުން ވެސް ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
މި މޮޅާއެކު މިލާން ވަނީ ހަތްވަނަ އަށް ކުރިއަށް ޖެހިލައިފައެވެ. މިލާނަށް 23 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. އެމްޕޯލީ އުޅެނީ 17 ވަނައިގައެވެ. އެ ޓީމަށް 24 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.