ENGLISH

18 އޭޕްރީލު 2025

Advertisement

މެންޗެސްޓަރ ސިޓީ މޮޅުވިއިރު، ބްރައިޓަން އަތުން ބަލިވެ ޗެލްސީ ކަޓައިފި

09 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ލޭޓަން އޮރިއެންޓްއާ މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ލޭޓަން އޮރިއެންޓް އަތުން 1-2 އިން މެންޗެސްޓަރ ސިޓީ މޮޅުވިއިރު، ބްރައިޓަން އަތުން 2-1 އިން ބަލިވެ ޗެލްސީ ކަޓައިފިއެވެ.

ތިންވަނަ ޑިވިޝަނުގެ ލޭޓަން އޮރިއެންޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑު ނެގީ ސިޓީގެ ގޯލްކީޕަރު، ސްޓެފަން އޯޓޭގާ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. މި ގޯލާއެކު ލޭޓަން އޮރިއެންޓުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގައި ސިޓީން ވަނީ ދެ ލަނޑު ޖަހައިފައެވެ. އެ ޓީމަށް މި ދެ ގޯލް ކާމިޔާބުކޮށްދިނީ އަބްދުކޮދީރު ކުސަނޯފް އާއި ކެވިން ޑި ބްރޭނާ އެވެ. މި ދެ ކުޅުންތެރިންވެސް ކުޅެން ނިކުތީ ފަހު ހާފުގައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން އެންމެ ފަހުން ގެނައި ސްޕެއިނުގެ މިޑްފީލްޑަރު، ނިކޯ ގޮންޒާލެޒް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ.

މުބާރާތުގެ ޗެމްޕިއަންކަން 8 ފަހަރު ހޯދާފައިވާ ޗެލްސީން ރޭގެ މެޗުގައި ލީޑު ނެގީ ބްރައިޓަންގެ ގޯލްކީޕަރު، ބާޓް ވާބްރުގެން އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް ބްރައިޓަން އަށް އެއްވަރުކޮށްދިނީ ޖޯޖީނިއޯ ރުޓާ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ބްރައިޓަން މޮޅުކޮށްދިނީ ކައޮރޫ މިޓޯމާ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބާމިންގހަމް ސިޓީގެ ދަނޑުގައި އެ ޓީމު އަތުން ނިއުކާސަލް ޔުނައިޓެޑް މޮޅުވީ 2-3 އިންނެވެ. މީގެތެރެއިން ނިއުކާސަލްގެ ދެ ގޯލްޖަހައިދިނީ ޖޯ ވިލޮކް އެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ ކެލުމް ވިލްސަން އެވެ.

ވިގަން އެތުލެޓިކްގެ ދަނޑުގައި އެ ޓީމު އަތުން 1-2 އިން ފުލަމް މޮޅުވިއިރު، ފުލަމްގެ ދެ ގޯލްވެސް ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް، ރޮޑްރިގޯ މުނީޒް އެވެ. ބޯންމަތުން 2-0 އިން ރަށުން ބޭރުގައި އެވަޓަން އަތުން މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އެންޓޮއިން ސެމެންޔޯ އާއި ޑެނިއަލް ޖެބިސަން އެވެ.

ކިޔުންތެރިންގެ ހިޔާލު