ENGLISH
18 އޭޕްރީލު 2025
އެމްބާޕޭގެ ލަނޑުން އެތުލެޓިކޯއާ ރެއާލް އެއްވަރުކޮށްފި
09 ފެބްރުއަރީ 2025
|
ރެއާލްގެ އެމްބާޕޭ (މ) އެތުލެޓިކޯގެ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ކުޅުނު 'މެޑްރިޑް ޑާބީ' ގައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ވައްދާލި ލަނޑުން އެތުލެޓިކޯ މެޑްރިޑާ 1-1 އިން ރެއާލް މެޑްރިޑް އެއްވަރުކޮށްފިއެވެ.
މި ނަތީޖާއާއެކު، އަދިވެސް އެއްވަނައިގައި އުޅެނީ ރެއާލް އެވެ. ރެއާލަށް 23 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެތުލެޓިކޯ އެވެ. ތިންވަނައިގައި އުޅޭ ބާސެލޯނާ އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 45 ޕޮއިންޓެވެ.
ރެއާލްގެ ސަންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މެޗުގެ 35 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ހޫލިއަން އަލްވަރޭޒް އެވެ. މި ގޯލާއެކު އެ ޓީމު ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ރެއާލަށް އެއްވަރުކޮށްދިނީ އެމްބާޕޭ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ފޮނުވާލި ބޯޅައެއް އެތުލެޓިކޯގެ ޑިފެންޑަރު، ހޯސޭ ގިމެނޭޒް ބްލޮކް ކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، ރެއާލް މޮޅުކޮށްދޭން ވިނީޝިއުސް ޖޫނިއާ އާއި ރޮޑްރީގޯގެ އިތުރުން އެމްބާޕޭ ފޮނުވާލި ހަމަލާތައް އެތުލެޓިކޯގެ ގޯލްކީޕަރު، ޔެން އޮބްލަކް ހުއްޓުވިއިރު، ބެލިންހަމް ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އެތުލެޓިކް ބިލްބާއޯ ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ޖިރޯނާ ބަލިކޮށްފައެވެ.