ENGLISH
18 އޭޕްރީލު 2025
ޑެމްބެލޭގެ ދެ ލަނޑާއެކު މޮނާކޯ އަތުން ޕީއެސްޖީ އަށް ފަސޭހަ މޮޅެއް
08 ފެބްރުއަރީ 2025
|
ޕީއެސްޖީ އަށް ލަނޑުޖަހައިދިނުމަށްފަހު ޑެމްބެލޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި އޮސްމާނޭ ޑެމްބެލޭ ވައްދާލި ދެ ލަނޑާއެކު މޮނާކޯ އަތުން 1-4 އިން ޕީއެސްޖީ މޮޅުވެއްޖެއެވެ.
މި ނަތީޖާއާއެކު، 21 މެޗުން ހޯދީ 53 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ އެއްވަނައިގައެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް އޮލިމްޕިކް މާސޭ އަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. ތިން ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ މޮނާކޯ އެވެ.
ޕެރިހުގައި ހުންނަ ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ލީޑު ނެގީ ވިޓީނިއާ ފޮނުވާލި ހިތްގައިމު ހިލޭޖެހުމަކުން ކާމިޔާބުކުރި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެކުރިން، މޮނާކޯ އަށް އެއްވަރުކޮށްދިނީ ޑެނިސް ޒަކަރިޔާ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ޕީއެސްޖީ އަށް އަލުން ލީޑު ނަގައިދިނީ ޖޯޖިއާ ވިންގް، ކްވިޗާ ކްވަރަޝްކޭލިއާ އެވެ. އަދި، އޭގެފަހުން، ޑެމްބެލޭ ވަނީ އިތުރު ދެލަނޑު ޖަހައި، ޕީއެސްޖީ އަށް ފުރިހަމަ މޮޅެއް ހޯދައިދީފައެވެ.
މި މުބާރާތުގައި ޕީއެސްޖީ އަށް ދެން އޮތީ މި މަހުގެ 16 ވަނަ ދުވަހު ރަށުން ބޭރުގައި ޓުލޫޒްއާ ބައްދަލުކުރާ މެޗެވެ. އޭގެކުރީން، ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފްގައި އަންނަ އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި ޕީއެސްޖީ ނުކުންނާނީ ބްރެސްޓްއާ ދެކޮޅަށެވެ.