ENGLISH

18 އޭޕްރީލު 2025

Advertisement

މެގުއާގެ ލަނޑުން ޔުނައިޓެޑް ފަސްވަނަ ބުރަށް

08 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ހެރީ މެގުއާ ވައްދާލި ލަނޑާއެކު ފަހަތުން އަރައި ލެސްޓަރ ސިޓީ އަތުން 1-2 އިން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

މިއީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ޔުނައިޓެޑްގެ ދަނޑުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ތިންވަނަ ފަހަރެވެ.

އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް އެދެވޭ ކުޅުމެއްދެއްކިފައިނުވާއިރު، މި ހާފު ނިމެންދަނިކޮށް ލެސްޓަރ އަށް ލީޑު ނަގައިދިނީ ބޮބީ ޑެ ކޯޑޮވާ-ރީޑް އެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނެދަލެންޑްސްގެ ފޯވާޑް، ޖޯޝުއާ ޒާކްޒީ އެވެ.

ޔުނައިޓެޑް މޮޅުވި ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެގުއާ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ފޮނުވާލި ހިލޭޖެހުމެއްގެ އެހީގައި ލިބުނު ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މީގެ ފަސް އަހަރު ކުރިން، ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ޔުނައިޓެޑާ ގުޅުނު މެގުއާ މި ލަނޑުޖެހީ އޮފްސައިޑް މަގާމެއްގައި ހުރެކަން ވަރަށް ސާފުކޮށް ވީޑިއޯ އިން ފެނުނު ނަމަވެސް، ލައިންސްމަނަށް އެ މަންޒަރު ރީއްޗަށް ނުފެނުމުންނާއި، އެފްއޭ ކަޕްގެ ތިންވަނަ އަދި ހަތަރުވަނަ ބުރުގެ މެޗުތަކުގައި ވީއޭއާރް ބޭނުން ނުކުރާތީ، އެ ނިންމުން ބަދަލެއް ނުކުރެއެވެ.

އިނގިރޭސި އެފްއޭ އިން ވަނީ، މި މުބާރާތުގެ ފަސްވަނަ ބުރުން ފެށިގެން ހުރިހާ މެޗެއްގައި ވީއޭއާރް ބޭނުންކުރާނެކަން ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު