ENGLISH

10 އޭޕްރީލު 2026

Advertisement

ސުކޫކް އަނބުރާ ދެއްކުމާއެކު ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެ، އާމްދަނީ އިތުރުވެއްޖެ

10 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މާލީ ވުޒާރާ --

ސުކޫކް އަނބުރާ ދެއްކުމާއެކު ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެ، އާމްދަނީ އިތުރުވެފައިވާ ކަަމަށް މާލީ ވުޒާރާ އިން ބުނެފި އެވެ.

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެން ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އޭޕްރީލް ދެވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ވަނީ ދައްކައިފަ އެވެ.

އޭޕްރީލް ދޭއްގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 12.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސްއަށް ބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 1.8 ބިލިއަން ރުފިޔާގެ ސާޕްލަސްއާ އަޅާބަލާއިރު، މިއަހަރު ވަނީ 2.3 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފަ އެވެ.

މި މުއްދަތުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކާއި، އޭގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ކާމިޔާބުކަމާއެކު ދައްކައި ހަލާސް ކުރުމެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި، ބޭރު ފައިސާގެ ރިޒާވް ބޭނުންކޮށްގެންނެވެ. މިއީ ދައުލަތުގެ ދަރަނި މެނޭޖްކުރުމަށާއި، ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. 

މިއީ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށާއި ރާއްޖޭގެ ބޭރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް 2024 ވަނަ އަހަރުން ފެށިގެން ތައާރަފުކުރި ސިޔާސަތުތަކުގެ ނަތީޖާކަން ވެސް މިކަމުން ހާމަވާ ކަމަށް މާލީ ވުޒާރާ އިން ބުނެ އެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި މަނިޓަރީ ސިޔާސަތަށް ގެނައި ބަދަލުތައް ހިމެނެ އެވެ. ހާއްސަކޮށް، ބޭރު ފައިސާއާ ބެހޭ ގާނޫނާއި، ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރުން ލާޒިމުކުރާ ގަވާއިދުތައް ތަންފީޒުކުރުން ހިމެނެ އެވެ. މި ސިޔާސަތުތަކުގެ ސަބަބުން މާރިޗު 2026 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާ ޖަމާކުރެވި، ސުކޫކް އަނބުރާ ދެއްކުމަށް މަގު ފަހި ވެގެންދިޔަ އެވެ.

އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، ދައުލަތުން ދަރަނި އަނބުރާ ދެއްކި މިންވަރު ވަނީ އިތުރުވެފަ އެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ލޯނު އަނބުރާ ދެއްކި މިންވަރު 8.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 2.4 ބިލިއަން ރުފިޔާގަ އެވެ. މިއީ 254.5 އިންސައްތައިގެ އިތުރުވުމެކެވެ. ހަމައެއާއެކު، އިންޓްރެސްޓަށް ހޭދަވި މިންވަރު ވަނީ 1.51 ބިލިއަން ރުފިޔާއިން 1.08 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 28.5 އިންސައްތައިގެ ދަށްވުމެކެވެ.

ދައުލަތުގެ އާމްދަނީގެ މައިގަނޑު އަސާސަކީ ޓެކްސް އާމްދަނީ އެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 10.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 20.2 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޖީ.އެސް.ޓީ)ގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ނުވަތަ 17.8 އިންސައްތަ އިތުރަށް ލިބިފައިވާއިރު، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ)ގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 3.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.0 އިންސައްތައިގެ ކުރިއެރުމެކެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވިހަފުތާގައި އާމްދަނީއަށް އައި އެންމެ ބޮޑު ކުރިއެރުމަކީ ޓީޖީއެސްޓީން ލިބުނު އާމްދަނީ އެވެ.

ކިޔުންތެރިންގެ ހިޔާލު