ENGLISH
18 އޭޕްރީލު 2025
ބަޔާންއާ އެކު އިތުރު އަހަރަކަށް މަޑުކުރަން ނޯޔާ އެއްބަސްވެއްޖެ
04 ފެބްރުއަރީ 2025
|
ބަޔާން މިއުނިކްގެ ގޯލްކީޕަރު، ނޯޔާ. --ފޮޓޯ: ރޮއިޓާސް
ޖަރުމަންގެ ބަޔާން މިއުނިކުގެ ގޯލްކީޕަރު، މެނުއެލް ނޯޔާ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އަހަރަކަށް އައު ކޮށްފިއެވެ.
އުމުރުން 38 އަހަރުގެ ނޯޔާގެ މި އައު އެއްބަސްވުމާއެކު، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބަޔާންގައި ދެމިހުންނާނެ އެވެ.
އަންނަ މަހުގެ ތެރޭގައި 39 އަހަރު ފުރޭ ނޯޔާ، ބަޔާނަށް ބަދަލުވީ 2011 ވަނަ އަހަރު ޝާލްކޭ އިންނެވެ. އޭގެފަހުން، މިހާތަނަށް އައިއިރު އޭނާ ވަނީ ބަޔާނަށް ކުޅެދިން 547 މެޗުގެ ތެރެއިން 250 އަށްވުރެ ގިނަ މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ފުރިހަމަ ކޮށްފައެވެ.
މިދިޔަ އޮގަސްޓް މަހުގައި ޖަރުމަންގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލި ނޯޔާގެ ފަހުގެ އެއްބަސްވުމާއެކު، އޭނާގެ އުމުރުން 40 އަހަރު ވަންދެން ބަޔާންގައި މަޑުކުރާނެ އެވެ. ޖަރުމަނާއެކު 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ނޯޔާ ވަނީ ޤައުމީ ޓީމުން ރިޓަޔާކުރުމާ ހަމައަށް 124 މެޗު ހަމަކޮށްފައެވެ.
ބަޔާންގައި ހޭދަކުރި މުއްދަތުގައި ނޯޔާ ވަނީ 11 ފަހަރު ޖަރުމަން ލީގު ކާމިޔާބުކޮށް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ވެސް ދެ ފަހަރު ހޯދައިފައެވެ. އަދި، ފަސް ފަހަރު ޖަރުމަން ކަޕް އަދި ހަ ފަހަރު ޖަރުމަން ސުޕަ ކަޕް އުފުލާލައިފައެވެ.