ENGLISH

18 އޭޕްރީލު 2025

Advertisement

ރެއާލްގެ ރުޑިގާ އަށް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރަށް

03 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރުޑިގާ (ކ) އަށް އަނިޔާވެގެން ދަނޑުން ފައިބަނީ. --ފޮޓޯ: ރޮއިޓާސް

ރެއާލް މެޑްރިޑްގެ ޖަރުމަން ޑިފެންޑަރު، އެންޓޯނިއޯ ރުޑިގާ އަށް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާންޖެހިފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ލީގުގައި އެސްޕަންޔޯލް އަތުން ރެއާލް ބަލިވި މެޗުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ރުޑިގާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެގެން ބަދަލުކޮށްފައިވާއިރު، މި އަނިޔާއިން ރިކަވާވެ، ކުޅުމަށް އެނބުރި އަންނާނެ ވަކި މުއްދަތެއް ރެއާލުން ހާމަކޮށްފައެއް ނުވެއެވެ.

ރެއާލުން ނެރުނު ބަޔާނުގައި ވަނީ، އެ ކުލަބުގެ މެޑިކަލް ޓީމުން ހެދި ޓެސްޓުތަކަށްފަހު ކަނާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށާއި، ރިކަވަރީގެ ކަންތައްތައް ކައިރިން ބަލަމުން ގެންދާނެ ކަމަށެވެ.

ރުޑިގާގެ އަނިޔާއާ ގުޅޭގޮތުން، ސްޕެއިނުގެ ބައެއް ނޫސްތަކުން ވަނީ، މަދުވެގެން 17 ވަރަކަށް ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށް ބުނެފައެވެ.

އެހެންކަމުން، އެ މުއްދަތުގެ ތެރޭގައި ކޮޕަ ޑެލް ރޭގެ ކުއާޓަރ ފައިނަލުގައި ލެގަނޭސްއާ ދެކޮޅަށް ކުޅެން އޮތް މެޗާއި، ލީގުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ބައްދަލުކުރަން ހަމަޖެހިފައިވާ މެޗުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުންނަން އޮތް މެޗު ވެސް ރުޑިގާ އަށް ގެއްލޭނެ އެވެ.

ރެއާލަށް ދެން އެންމެ އަވަހަށް އޮތީ ކޮޕަ ޑެލް ރޭގައި ރަށުން ބޭރުގައި ބުދަ ދުވަހުގެ ރޭ ލެގަނޭސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު