ENGLISH
18 އޭޕްރީލު 2025
މޮރާޓާ، މިލާން ދޫކޮށް ލޯނެއްގައި ގަލަތަސާރޭ އަށް
03 ފެބްރުއަރީ 2025
|
މޮރާޓާ، ގަލަތަސާރޭގެ ޖާޒީގައި. --ފޮޓޯ: ފުޓްބޯލް އިޓާލިއާ
ސްޕެއިނުގެ ކެޕްޓަން، އަލްވާރޯ މޮރާޓާ، އޭސީ މިލާން ދޫކޮށް ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ގަލަތަސާރޭ އަށް ބަދަލުވެއްޖެއެވެ.
އުމުރުން 32 އަހަރުގެ މޮރާޓާ، ގަލަތަސާރޭއާ ގުޅުނީ އަހަރެއްގެ މުއްދަތަށް ގާތްގަނޑަކަށް 6.14 މިލިއަން އެމެރިކާ ޑޮލަރުގެ ލޯން ފީ އެއްގައެވެ.
އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މޮރާޓާގެ ޑީލު ދާއިމީ ކުރުމުގެ އިޚްތިޔާރު ގަލަތަސާރޭ އަށް ލިބިގެންވާ ކަމަށް ވެސް މިލާނުން ވަނީ ބުނެފައެވެ.
ކުރީން، ރެއާލް މެޑްރިޑާއި ޔުވެންޓަސްގެ އިތުރުން ޗެލްސީ އަށް ވެސް ކުޅެފައިވާ މޮރާޓާ، އެތުލެޓިކޯ މެޑްރިޑުން މިލާނާ ގުޅުނީ މިދިޔަ އަހަރުގައި 13 މިލިއަން ޔޫރޯގެ ފީ އަކަށެވެ. އޭނާ ވަނީ މިލާނަށް ކުޅުނު 25 މެޗުގައި ހަ ލަނޑު ޖަހައިފައެވެ.
މޮރާޓާގެ ކެރިއަރު ފެށި ރެއާލާއެކު ޗެމްޕިއަންސް ލީގާއި، ސްޕެނިޝް ލީގު އެއް ފަހަރު ކާމިޔާބުކުރިއިރު، ކޮޕަ ޑެލް ރޭ ދެ ފަހަރު އުފުލާލައިފައިވެއެވެ. އަދި، އެއަށްފަހު 2014 ގައި ޔުވެންޓަސް އަށް ބަދަލުވެ، އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވެއެވެ.
މީގެ 10 ވަރަކަށް އަހަރު ކުރީން، ސްޕެއިނުގެ ޤައުމީ ޓީމަށް ކުޅެން ފެށި މޮރާޓާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 84 މެޗުގައި 37 ލަނޑު ޖަހައިފައެވެ.