ENGLISH
19 އޭޕްރީލު 2025
ނަޕޯލީ އިން ފުރުޞަތު ނަގާލިއިރު، މިލާންގެ ދެ ޓީމު ވީ އެއްވަރު
03 ފެބްރުއަރީ 2025
|
ރޯމާއާ ނަޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ނަޕޯލީއާ ރޯމާ 1-1 އިން އެއްވަރުވެ، އެއްވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުޞަތު ނަގާލައިފިއެވެ.
މި ނަތީޖާއާ އެކު، އަދިވެސް އެއްވަނައިގައި އުޅެނީ ނަޕޯލީ އެވެ. އެ ޓީމަށް 23 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް އިންޓަރ މިލާނަށް ލިބިފައިވަނީ 51 ޕޮއިންޓެވެ. އެޓަލާންޓާ އޮތީ 23 މެޗުން ހޯދީ 47 ޕޮއިންޓާއެކު ތިންވަނައިގައެވެ.
ރޯމްގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި ނަޕޯލީ އަށް ލީޑު ނަގައިދިނީ ކުރިން ރޯމާ އަށް ކުޅުނު ޑިފެންޑަރު، ލިއޮނާޑޯ ސްޕިނަޒޯލާ އެވެ. މި ނަތީޖާގައި އޮވެ، މެޗު ނިމެންދަނިކޮށް، އިތުރު ވަގުތުގެ ތެރޭގައި ރޯމާ އަށް އެއްވަރުކޮށްދިނީ އެންޖެލީނޯ އެވެ. އޭނާ މި ލަނޑުޖެހީ އަލެކްސިސް ސައެލެމޭކާސް ނަގައިދިން ހުރަހެއްގެ އެހީގައެވެ.
ސެން ސީރޯގައި ރޭ ކުޅުނު މިލާން ޑާބީގައި ލީޑު ނެގީ އޭސީ މިލާނުންނެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ނެދަލެންޑްސްގެ މިޑްފީލްޑަރު، ޓިޖާނީ ރެއިންޑާސް އެވެ.
މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އިންޓަރ އަށް އެއްވަރުކޮށްދިނީ ނިކޮލާ ޒަލެވްސްކީ ދިން ބޯޅައަކުން ސްޓެފަން ޑެވްރައި އެވެ.
މި މުބާރާތުގައި ޔުވެންޓަސްގެ ދަނޑުގައި އެ ޓީމުން ވަނީ 4-1 ގެ ނަތީޖާއަކުން އެމްޕޯލީ ބަލިކޮށްފައެވެ. މި މެޗުގައި ޔުވެންޓަސްގެ ރެންޑަލް ކޯލޯ މުއާނީ ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ ޑޫސަން ވްލަހޮވިޗް އާއި ފްރާންސިސްކޯ ކޮންސެސާއޯ އެވެ. އެމްޕޯލީގެ ހަމައެކަނި ލަނޑު ޖަހައިދިނީ މަޓިއާ ޑެ ޝީލިއޯ އެވެ.