ENGLISH
18 އޭޕްރީލު 2025
ލެވަންޑޯސްކީގެ ގޯލުން ބާސާ އަށް މުހިއްމު މޮޅެއް
03 ފެބްރުއަރީ 2025
|
ބާސާ އަށް ލަނޑުޖަހައިދިނުމަށްފަހު ލެވަންޑޯސްކީ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ ވައްދާލި ލަނޑާއެކު، ޑިޕޯޓިވޯ އަލަވޭސް 1-0 އިން ބަލިކޮށް، އެއްވަނައިގައި އުޅޭ ރެއާލް މެޑްރިޑާއި ބާސެލޯނާއާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 61 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެވަންޑޯސްކީ އެވެ. މިއީ ބާސެލޯނާގެ ލަމީން ޔަމާލް ނަގައިދިން ހުރަހެއް އަލަވޭސްގެ ކުޅުންތެރިއަކު ގައިގަ ޖެހިފައި، އެ ބޯޅަ ލެވަންޑޯސްކީ އަށް ލިބުމުން ކާމިޔާބުކޮށްދިން ގޯލެކެވެ.
އޭގެފަހުން، ބާސެލޯނާގެ ލީޑު ފުޅާކޮށްދޭން ޔަމާލް ފޮނުވާލި ބޯޅައެއް އަލަވޭސްގެ ގޯލްކީޕަރު، ޖީސަސް އޮވޯނޯ ވަނީ ހުއްޓުވައިފައެވެ.
މި މޮޅާއެކު، ތިންވަނައިގައި އޮތް ބާސެލޯނާ ވަނީ 22 މެޗުން 45 ޕޮއިންޓް ހަމަކޮށްފައެވެ. އެންމެ ކުރީގައި އުޅޭ ރެއާލަށް ލިބިފައިވަނީ 49 ޕޮއިންޓެވެ. ދެވަނައިގައި އޮތީ 48 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑެވެ. މި މެޗުން ބަލިވި އަލަވޭސް އޮތީ ތާވަލްގެ 18 ވަނައިގައެވެ. ރެލިގޭޝަން ޒޯނާ އެ ޓީމާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ވެލެންސިއާ ވަނީ 2-1 އިން ސެލްޓާ ވިގޯ ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން އޮސަސޫނާ މޮޅުވީ ވެސް 2-1 އިންނެވެ. ރެއާލް ބެޓިސްގެ ދަނޑުގައި އެ ޓީމުން ވަނީ 2-2 އިން އެތުލެޓިކް ބިލްބާއޯއާ އެއްވަރުވެފައެވެ.