ENGLISH

19 އޭޕްރީލު 2025

Advertisement

ކިއެލް އަތުން ބަޔާން މޮޅުވިއިރު، ކޭން އަށް ރެކޯޑެއް

02 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ބަޔާނަށް ލަނޑު ޖަހައިދިނުމަށް ފަހު ކޭން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި ހޯލްސްޓެއިން ކިއެލް އަތުން 4-3 އިން ބަޔާން މިއުނިކް މޮޅުވިއިރު، އެ ޓީމުގެ ފޯވާޑް، ހެރީ ކޭން ލަނޑު ޖަހައި ރެކޯޑެއް ޤާއިމުކޮށްފިއެވެ.

މި ނަތީޖާއާ އެކު، ބަޔާން އެއްވަނައިގައި އުޅެނީ 20 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް ލިބިފައިވަނީ 42 ޕޮއިންޓެވެ. ފަސް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އެއިންޓްރަކްޓް ފްރެންކްފާޓެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި ބަޔާނުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވާޑް، ކޭން އެވެ. މި ދެ ގޯލާއެކު ކޭން ވަނީ ލީގުގެ ފުރަތަމަ 50 މެޗުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް ޤާއިމުކޮށްފައެވެ. ކޭން ވަނީ މިހާތަނަށް ލީގުގައި ކުޅުނު 50 މެޗުގައި 55 ލަނޑު ޖަހައިފައެވެ.

ރޭގެ މެޗުގައި ބަޔާނުން ޖެހި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޖަމާލް މުސިއާލާ އާއި ސާޖް ނެބްރީ އެވެ. ކިއެލްގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ސްޓީވެން ސްކްރްޒީބްސްކީ އެވެ. އަނެއް ލަނޑު ޖަހައިދިނީ ފިން ޕޮރަތު އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ހެއިންޑެންހެއިމް އަތުން 1-2 އިން ބޮރޫޝިއާ ޑޯޓްމުންޑް ވަނީ މޮޅުވެފައެވެ. ސްޓުޓްގާޓްގެ ދަނޑުގައި އެ ޓީމު އަތުން ބޮރޫޝިއާ މުންޗެންގްލަޑްބަކް މޮޅުވީ ވެސް 1-2 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު